ވަކީލެއްގެ ދެމަފިރިން މަރާލުމުގައި ހިމެނޭ މީހަކު ރާއްޖެއިން ހައްޔަރުކޮށް، ލަންކާއާ ހަވާލުކޮށްފި

ސްރީލަންކާގެ އަކުރެގޮޑާގައި މަޝްހޫރު ވަކީލަކާއި އޭނާގެ އަންހެނުން މަރާލި މައްސަލައިގައި ހޯދަމުންދިޔަ މީހަކު، ރާއްޖެއިން ހައްޔަރުކޮށް ސްރީލަންކާއާ ހަވާލުކޮށްފިއެވެ. މިއީ އެ ގައުމުގައި ހިނގާފައިވާ އެންމެ ބޮޑު އެއް ޖިނާއީ ތަހުގީގަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ސްރީލަންކާ ފުލުހުން ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު އެ މީހާ އެ ގައުމަށް ގެންގޮސް، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ) ގެ އޮފިސަރުން ވަނީ އޭނާ ބަންދަށް ގެންގޮސްފައެވެ. އޭގެ ފަހުން އޭނާ ވަނީ މި މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޒަނާ ހަވާލުކޮށްފައެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އުމުރުން 44 އަހަރުގެ ވަކީލު ބުއްދިކަ މައްލަވަރައްޗީ އާއި އޭނާގެ އަންހެނުން، އުމުރުން 42 އަހަރުގެ ޑަބްލިއު. އޭ. ނިސަންސަލާ ގަޔަށް ބަޑިޖަހައި މަރާލި މީހުންނަށް ދަތުރުފަތުރުގެ އެހީތެރިކަން ފޯރުކޮށްދިނީ މި މީހާއެވެ. ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މި ހަމަލާ ދިނުމުގައި އެހީތެރިވުމަށްފަހު އޭނާ ވަނީ ސްރީލަންކާއިން ފިލައިގެން ރާއްޖެއަށް އައިސްފައެވެ.
ސްރީލަންކާގެ ދެކުނުގެ ރަށެއް ކަމަށްވާ އެތުކަންދުަރާއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ މި ޒުވާނާއަކީ އެ ގައުމުގެ އެއާޕޯޓް ފޭޝަލް ރިކޮގްނިޝަން ވޮޗްލިސްޓުގައި ހިމަނާފައިވާ މީހެކެވެ. ފުލުހުން ބުނި ގޮތުގައި، 2025 ވަނަ އަހަރުގެ ފަހުކޮޅު މަސްތުވާތަކެއްޗާ ގުޅުންހުރި ވަކި މައްސަލަތަކެއްގައި ވެސް އޭނާ ކުރިން ހައްޔަރުކޮށް، ކޯޓަށް ހާޒިރުކޮށް ޖޫރިމަނާކޮށްފައިވެއެވެ.
މި މަރުގެ ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހު ތަލަންގަމާ ޕޮލިސް ޑިވިޒަންގެ އަކުރެގޮޑާގައެވެ. މައްލަވަރައްޗީ އާއި އޭނާގެ އަންހެނުން ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި ކާރުތެރޭގައި ތިއްބާ، އެހެން ކާރެއްގައި އައި ދެ މީހަކު ވަނީ ފިސްތޯލައަކާއި ޓީ-56 ބަޑިއެއް ބޭނުންކޮށްގެން އެމީހުންގެ ގަޔަށް ބަޑިޖަހާފައެވެ. މި ހަމަލާ ދީފައިވަނީ ސްރީލަންކާގެ ޑިފެންސް ހެޑްކުއާޓާާޒްއާ އެއް ކިލޯމީޓަރަށްވުރެ ކައިރި ސަރަހައްދެއްގައި ކަމަށްވުމުން، މުޅި ގައުމުގެ ސަމާލުކަން މިކަމަށް ހުއްޓި، އާންމު ސަލާމަތާ މެދު ކަންބޮޑުވުން އުފެދުނެވެ.
ތަހުގީގު ކުރާ ފަރާތްތަކަށް ފަހުން އެނގުނު ގޮތުގައި، ހަމަލާ ދިނުމަށް ބޭނުންކުރި ކާރު ކޮއްޓަވާ ކައިރީގައި އެކްސިޑެންޓްވުމުން ދޫކޮށްލުމަށްފަހު، ފަހުން ވަނީ ބައްދެގަމާއަށް ގެންގޮސް ހެކި ނައްތާލުމުގެ ގޮތުން އަންދާލާފައެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުގައި ބޭނުންކުރި ކަމަށް ބެލެވޭ ފޭކު ނަންބަރު ބޯޑެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ސީ.އައި.ޑީ އާއި، ސްޕެޝަލް ޓާސްކް ފޯސް (އެސް.ޓީ.އެފް) އަދި ސެންޓްރަލް ކްރައިމް އިންވެސްޓިގޭޝަން ޑިވިޜަން (ސީ.ސީ.އައި.ޑީ) ހިމެނޭހެން ފުލުހުންގެ ހާއްސަ އެތައް ޔުނިޓެއް ވަނީ ހަރަކާތްތެރިވެފައެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާ މި ވަކީލުގެ މަރާ ގުޅިގެން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކަށް ފާޑުކިޔުން އަމާޒުވިއެވެ. ސްރީލަންކާގެ ބާ އެސޯސިއޭޝަނުން ވަނީ މިއީ ގާނޫނީ ނިޒާމަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށް، މުޅި ގައުމުގައި ކޯޓުތަކުގެ މަސައްކަތްތައް ހުއްޓާލައި އިހުތިޖާޖުކޮށްފައެވެ. އަދި މިކަމުގައި ޒިންމާވާ ހުރިހާ ފަރާތްތަކެއް އަވަހަށް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
އެންމެ ފަހުން ހައްޔަރުކުރި މީހާ ރާއްޖެއިން ފެނުނު ގޮތާއި ނުވަތަ އޭނާ ހައްޔަރުކުރި ހާލަތާ ގުޅޭ އެއްވެސް ތަފްސީލެއް ދިވެހި އަދި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޒަނުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، އަކުރެގޮޑާގައި ހިންގި މި ދެ މީހުން މަރާލުމުގެ ހާދިސާ ރޭވުމާއި އެކަން ތަންފީޒުކުރުމުގައި ބައިވެރިވި އެންމެން ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިތުރު ބަޔަކު ހައްޔަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ