ބުރެވި ތޫފާނާއި ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ

ލަންކާ ކައިރިން އުފެދެމުން އަންނަ ބުރެވި ތޫފާނާއި ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސްއިން ބުނެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ސްރީލަންކާގެ ޓްރިންކޮމޮލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބަރުގަދަވެ، ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ތޫފާން ހުޅަންގަށް ދަތުރުކޮށް 3 ޑިސެމްބަރުވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެކަމަށް ލަފާކުރެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތައް އެ އޮފީހުން ދަނީ ބަލަމުންް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ލަފާކުރެވޭ ގޮތުގައި 3 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާބަންދުތެރެއާއި އެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މި ނިޒާމްތަކާއި ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެ އޮފީހުން އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރަމުންދާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ