ފައިސާ ލިބޭނޭ މާލީވަޒީރު ވިދާޅުވުމުން ފައިސާ ލިބޭނެ ކަމުގައި ޤަބޫލުކުރެވެން ނެތް: ޢަފީފް

ދައުލަތުގެ ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ފައިސާ ލިބޭނެ ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމުން އެ ފައިސާ ލިބޭނެ ކަމުގައި ޔަޤީންކޮށް ޤަބޫލުކުރެވެން ނެތް ކަމުގައި ވިލިފުށީ ދާއިރާ މެންބަރު ޙަސަން ޢަފީފު ވިދާޅުވެއްޖެއެވެ. މިއަދު މަޖިލިހުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ބަޖެޓް ރިޕޯޓާ ގުޅޭ ބަހުސްގައި ވާހަކަދައްކަވަމުން ޢަފީފު ވިދާޅުވީ މި ބަޖެޓަކީ ޑެފިސިޓު ވަރަށް ބޮޑު ބަޖެޓެއް ކަމުގައެވެ. އަދި މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓުގެ ޑެފިސިޓު ކުރިއަށްވުރެ ކުޑަކުރެވުނު ނަމަވެސް އަދިވެސް ބަޖެޓުގެ ޑެފިސިޓު ބޮޑު ކަމުގައި ޢަފީފު ފާހަގަކުރެއްވިއެވެެ. އެހެންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ފައިސާ ލިބުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. ޢަފީފު އިތުރަށް ވިދާޅުވީ ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ފައިސާއަކީ ލިބޭނެ ފައިސާ ކަމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވާތީ އެ ފައިސާ ލިބޭނެ ކަަމަށް ޤަބޫލުކުރެއްވެން ނެތް ކަމުގައެވެ. އޭގެ އިތުރަށް އެ ފައިސާ ލިބެނީ ކިހިނެއްކަން ހޯދަނީ ތަފުސީލުކޮށް ވިދާޅުވެދެއްވަން ޖެހޭ ކަމުގައިވެސް ޢަފީފު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ކުރިމަތީ އޮތް ބަޖެޓަކީ ވަރަށް ޑެފިސިޓު ބޮޑު ބަޖެޓެއް. ޢިއްޒަތްތެރި ފިނޭންސް މިނިސްޓަރު އެބަ ވިދާޅުވޭ ފައިސާ ލިބޭނޭ. އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭކަށް ނެތް އިއްޒަތްތެރި ފައިނޭންސް މިނިސްޓަރު ފައިސާ ލިބޭނޭ ވިދާޅުވީމަ ލިބޭނެ ކަމަށް. އެ ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް އެބެޖެހޭ އެނގެން. ކޮންތާކުން ކިހިނެއްތޯ ހޯދަނީ" ޢަފީފު ވިދާޅުވިއެވެ. ހަމައެހެންމެ ޢަފީފު ވިދާޅުވީ ޞުކޫކު ވިއްކައިގެން ފައިސާ ހޯދާ ވާހަކަ ފިނޭންސް މިނިސްޓަރު ވިދާޅުވާނެ ކަމުގައެވެ. ނަމަވެސް 2020 ވަނަ އަހަރުވެސް ޞުކޫކާއި ބޮންޑު ވިއްކައިގެން ފައިސާ ހޯދުމަށް ބަޖެޓުގައި ހިމެނި ކަމުގައާއި، މިހާ ހަމައަށް އައިއިރު ޞުކޫކު ބޮންޑު ވިއްކެވިފައި ނެތް ކަމުގައި ޢަފީފު ވިދާޅުވިއެވެ. ބަޖެޓުގައި ކަންތައްތަކެއް ހިމެނުއްވިދާނެ ކަމަށާއި، ނަމަވެސް އެކަންކަން ނުކުރެވުމުން ރައްޔިތުންގެ ހިތްތަކުގައި އުފެދޭ މާޔޫސްކަން މާބޮޑު ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ