އިސްލާމީ ޝަރީއަތާ ކައިރިއަށް ރާއްޖެ ޖެހޭނެ، ގިސާސް ހިފޭނެ: އުމަރު

ރާއްޖޭގައި މަރުގެ ހުކުމް އުވާލެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު އެ ގޮތަށް ފެންނަ ނަމަ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވުމުން އެކަމާއި ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތެދުވެއްޖެ އެވެ.
ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 2008 ގެ އިންތިހާބުގައިވެސް އުމަރު ވާދަ ކުރެއްވިއެވެ.
ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި ރޭ ކުރިއަށްދިޔަ ރާއްޖޭގެ ރިވިއު ސެޝަންގައި ބަންޑާރަ ނާއިބު ވިދާޅުވީ މަރުގެ ހުކުމް އުވާލުމަށް ބޭރުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ގޮވާލާ ކަމަށެވެ. ނަމަވެސް އެކަމަކީ ގާނޫނު އަސާސީއަށް ބަދަލު ގެނެސް އަދި ރައްޔިތުންގެ ހިޔާލު ހޯދައިގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލާފައި އޮތް އޮތުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އޭޖީ ވަނީ ބޭރު ދުނިޔެއަށް ދެއްވާފައެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ފޮރިން މިނިސްޓްރީން 2018 ވަަނަ ވަނީ ބުނެފައެވެ. އެއީ މި ސަރުކާރު ވެރިކަމަށް އައިފަހުންނެވެ.
ބަންޑާރަ ނައިބްގެ ވާހަކަތަކަށް ރައްދު ދެއްވާ އުމަރު ވިދާޅުވީ އިސްލާމީ ޝަރީއަތާ ކައިރިއަށް ރާއްޖެ ޖެހޭނެ ކަމަށާ ދިވެހިރާއްޖޭގައި ގިސާސް ހިފޭނެ ކަމަށެވެ. ހައްގަކާއި ނުލަައި މީހުން މެރުމާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރި ގަތުމާއި މަސްތުވާތަކެއްޗަށް އޮތް ހައްލަކީ އިސްލާމީ ޝަރީއަތް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި ގިސާސް ހިފޭނެ. އިސްލާމީ ޝަރީއަތާ ކައިރިއަށް ރާއްޖެ ޖެހޭނެ. ހައްގަކާނުލާ މީހުން މެރުމާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރި ގަތުމާއި މަސްތުވާ އެއްޗެތި ރާއްޖެއަށް އެތެރެކުރުންފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ އިސްލާމީ ޝަރިއާގެ ތެރެއިން. އިންތިޒާރު ކޮށްލައްވާ،" އަަވަސްގެ ހަބަރަކާއެކު އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭރު ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް އޭރުގެ ސަރުކާރުން އެކުލަވާލާފައިވެ އެވެ. އެ ގަވާއިދުގައިވާ ގޮތުގައި މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ. އެ މަސައްކަތުގައިވެސް އިސްކޮށް ހުންނެވީ އުމަރު ނަސީރެވެ.
ނަމަވެސް އެ ސަރުކާރު ބަދަލުވެގެން ދިޔައިރުވެސް އެކަމަށް އަަމަލީ ސިފަ ނެގެވިފައެއް ނުވެއެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް
އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ