ދިއްދޫ ދާއިރާގެ ޖޭޕީ ޓިކެޓް ސަމީރަށް ދީފި

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ދިއްދޫ ދާއިރާ އަށް ވާދަކުރެއްވުމަށް، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި އެ ދާއިރާގެ މެމްބަރު އަހްމަދު ސަމީރަށް ދީ، އިތުރު އަށް މެމްބަރަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އެ ޕާޓީން ނިންމައިފި އެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު ވިދާޅުވި ގޮތުގައި އެ ޕާޓީ އަށް ސަމީރު ވަރަށް އަވަހަށް ސޮއިކުރައްވަން ވަނީ ނިންމައިފަ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފަހު ސަމީރު ވަނީ ނަން އަނބުރައި ނަންގަވައިފަ އެވެ. ނަމަވެސް އެ ދާއިރާ އަށް ވާދަކުރައްވާނެ ކަމަށް އޭނާ އޭރު ވެސް ވިދާޅުވެފައި ވެ އެވެ. މިކަމާ ގުޅޭ ގޮތުން ސަމީރުގެ ބަހެއް މިއަދު ނުލިބުނެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު ވިދާޅުވި ގޮތުގައި ސަމީރުގެ އިތުރުން އަށް މެމްބަރަކަށް ޓިކެޓް ދޭން ނިންމެވީ ރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެގޮތުން ސަމީރު ފިޔަވައި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މަތިވެރީ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސައިނާއި ނައިފަރު ދާއިރާގެ އަހްމަދު މުހައްމަދާއި މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލް އަދި ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފަށް ޓިކެޓް ދޭން ޖޭޕީން ރޭ ވަނީ ނިންމައިފަ އެވެ. އެ މެމްބަރުންގެ ތެރެއިން އިލްހާމް ފިޔަވައި އެހެން މެމްބަރުން ވާދަކުރައްވާނީ އެ ބޭފުޅުން މިހާރު ތިއްބެވި ދާއިރާތަކަށެވެ. އިލްހާމް ވާދަކުރައްވާނީ ދަނގެތީ ދާއިރާއަށެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ 28 ގޮނޑި ދީފައިވާއިރު، މިހާރު ތިއްބެވި ނުވަ މެމްބަރަކަށް ދޭން ނިންމާފައިވާ ދާއިރާތައް ފިޔަވައި އެހެން ދާއިރާތަކުގެ ޕްރައިމަރީ ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ