ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލަ އަންނަ ރިޔާސީ އިންތިހާބަށްފަހު ބެލުމަށް ރައީސް ނަޝީދު މިއަދު ހައިކޯޓުގައި އެދިވަޑައިގެންފިއެވެ.
ހުޅުމާލެ ކޯޓަކީ ސައްހަ ކޯޓެއް ނޫންކަމަށާއި ރައިސް ނަޝީދުއަށް ހުޅުމާލެ ކޯޓުން ފޮނުވި ޗިޓަކީ (ހުޅުމާލެ ކޯޓަށް ހާޒިރުވުމަށް) ސައްހަ ޗިޓެއް ނޫންކަމަށް ބުނެ ރައީސް ނަޝީދު ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިޖުރާއީ ނުކުތާތަކާއި ގުޅިގެން މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ނަޝިދު ވިދާޅުވީ ސްޕްރީމް ކޯޓުން ހުޅުމާލެ ކޯޓަކީ ސައްހަކޯޓެއް ކަމަށް ނިންމެވި ނަމަވެސް ހައިކޯޓުން މިމައްސަލައާއިމެދު ވާހަކަދައްކައި ގޮތެއް ނިންމިދާނެ ކަމަށާއި ސްޕްރީމް ކޯޓުން ނިންމި ނިންމުގައި ގާނޫނީ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރެއްވޭ ކަމަށެވެ.
އަދި ސަރުކާރުގެ އިސްވެރިންގެ ނުފޫޒު ކޯޓުތަކުގައި އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ކުރިން ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި އަދި އޭރު ފަނޑިޔާރުންގެ އިސްބޭފުޅަކަށް ހުންނެވި މިހާރުގެ ހޯމް މިނިސްޓަރު އެކިފަހަރު މަތި އެކި ފޯރަމްތަކުގައި ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގުމަށާއި އަދި ޝަރީއަތް އަވަސްކުރުމަށް ގޮވާލާފައިވާތީ މިހާރު މި ޝަރީއަތް ކުރިއަށް ގެންގޮސްފިނަމަ ރައީސް ނަޝީދުގެ ރިޔާސީ ކެނޑިޑެންސީ ބާތިލްކޮށް ރައީސް ނަޝީދުގެ ހައްގުތަކާއި ދިވެހި އެތައް ރައްޔިތުންނެއްގެ ހައްގުތަށް ގެއްލިގެންދާނެ ކަމަށްވެސް ރައީސް ނަޝީދު މިއަދުގެ ޝަރީއަތުގައި ވިދާޅުވިއެވެ.
"މި މައްސަލައަކީ ގ.ކެނެރީގެ މުހައްމަދު ނަޝީދުގެ މައްޗަށް އެކަނިހުށަހެޅިގެންއުޅޭ މައްސަލައެއްނޫން، މިމައްސަލައަކީ ދިވެހި އެތައް ރައްޔިތުންގެ ހައްގުތަކަކާއި ގުޅިފައިވާ މައްސަލައެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހުޅުމާލެ ކޯޓު ސައްހަކޯޓެއްގެ ގޮތުގައި ނިންމަވާ ރައީސް ނަޝީދުގެ މައްޗަށް ހުކުމެއް ކުރައްވާ އެބޭފުޅާ ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭނެހެން ހެދުމުގެ ގޮތުން އެކަންކަން ކުރުމަކީ އެމަނިކުފާނުގެ ހައްގުތަކަށާއި ދިވެހި އެތައްރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމެއްކަމަށެވެ.
ރިޔާސީ އިންތިހާބަށްފަހު މައްސަލަ ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ