ރައީސް ވަހީދު އަމިއްލަ އަތުން އަމިއްލަ ޕާޓީ އުވާލައްވައިފި: އަލީ ވަހީދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އެމަނިކުފާނު އަމިއްލަފުޅަށް އެމަނިކުފާނުގެ ޕާޓީ އުވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މެމްބަރު އަލީ ވަހީދު އެގޮތަށް ވިދާޅުވީ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ރޭ ބޭއްވެވި ބައްދަލުވުމަށް ދައުލަތުގެ ބަންޑަރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު އެކޮމެޓިއަށް ހާޒިރުވުމަށް ދެންނެވުމުން ވަޑައިގެންފައިނުވާތީ އެމައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. މެމްބަރު އަލީ ވަހީދު ވިދާޅުވީ އިއްޔެއަކީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ވަރަށް ހިތާމަވެރި ދުވަހެއްކަމަށާއި އެހެންކަމުން އެސަރުކާރުގެ ވެރިން އިއްޔެ ވަރަށް ބުރަކޮށް އަދި ވަރަށް ގިނަ ބައްދަލުވުންތަކެއް ކުރިއަށް ދާނެކަމަށެވެ.
"މިއަދު އަމިއްލަ އަތުން އަމިއްލަ ޕާޓީ އުވާލާފައިވާތީ އަޅުގަނޑު "ބާޣީ" ވަހީދުއަށް އަޅުގަނޑު ފަށްފަށުން ޝުކުރު އަދާކުރަން. މިހާރު މަޖިލީހުން ނަގަންއޮތް ސިއްރު ވޯޓުތައް މަޖިލީހުގައި ޝެޑިއުލް ކުރުމުން "ބާޣީ" ވަހީދުގެ ސަރުކާރުގެ މައިބަދަ މަޑުމަޑުން ރޫޅެމުން ބިމަށް ތިރިވަމުންދާނެ. އަޅުގަނޑުމެން ދައްކާ ވާހަކަ ތަކަކީ ސަމާސާ ވާހަކަތަކެއްނޫން. މިއީ މިއަދު އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކާއި އަދި އެހެންމީހުންގެ އިހުސާސް ދެނެގަންނަންނޭނގޭ ވެރިޔަކު ގަދަބާރުން ކަނޑިޔާއި ބަޑި ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދައްކައިގެން ވެރިކަން ކުރާތީ އޭގެ ނަތީޖާ މިފެންނަނީ،" އެމްޑީޕީގެ ޕާލަމެޓްރީ ގްރޫޕްގެ ނައިބު ލީޑަރު މެމްބަރު އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ދެރެވޭ "ބާޣީ" ވަހީދުގެ ޕާޓީ އުވުނީމަ. އެއީ ދެރަވާން މިޖެހެނީ މިގައުމުގެ ހާލަތު. އެއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ނެތްތަނުގައި ކައުންސިލަރެއް ނެތްތަނުގައި ހަމައެކަނި އޮތް އެއްޗަކީ ޕާޓީ. އެވެސް އެދިޔައީ. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި ދެން ނިމޭނީ މިވެރިކަން،" މެމްބަރު އަލީ ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ