ރެޖިސްޓްރޭޝަން ރަނގަޅު ކުރުމުގެ އަމުރަކަށް ޕީޕީއެމުން ސުޕްރީމް ކޯޓުގައި އެދެފި
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް، އަލުން އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ހިމަނާފައިވާ ގައިޑްލައިންތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތަބާވުމަށް އަމުރުކޮށްދިނުން އެދި ސުޕްރީމް ކޯޓަށް ޕީޕީއެމުން މިއަދު ހުށަހަޅައިފި އެވެ. ޕީޕީއެމްގެ ވަކީލު އަހުމަދު ޒަނީން އާދަމް ވިދާޅުވީ މައްސަލަ ހުށަހެޅުމުގެ ހުއްދަ މިއަދު ހަވީރު ލިބިފައިވާ ކަމަށެވެ. ނަމަވެސް، އަދި މައްސަލަ ރަޖިސްޓްރީކޮށް ފައިސާ ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ. ޒަނީން ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވާ އިންތިޒާމުތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތަބާވަމުން ނުދާތީ އާއި އެ ހުކުމް ތަފާތު ގޮތްގޮތަށް އެ ކޮމިޝަނުން ތަރުޖަމާ ކުރަމުންދާތީ އެވެ. އަދި ހާއްސަ ގޮތެއްގައި ރެޖިސްޓްރޭޝަންގެ ކަންތައްތައް ކުރިއަށް ގެންދަނީ ހުކުމާ އެއްގޮތަށް ނޫން ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ޕީޕީއެމުން ހާއްސަ ގޮތެއްގައި އެދިފައިވަނީ ރެޖިސްޓްރޭޝަނާ ބެހޭ ގޮތުން ހުކުމްގައި ހުރި ކަންތައްތައް ފުރިހަމަކުރުމާ އެކު ޖުމްލަގޮތެއްގައި ގައިޑްލައިންގައި ހިމެނޭ 16 ޕޮއިންޓަށް ފުރިހަމައަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ކަމަށް ޒަނީން ވިދާޅުވި އެވެ. "ހުކުމްގައި ބަޔާންކޮށްފައި އެބަވޭ ރަޖިސްޓްރީ ކުރަން ދާ މީހާ އާއި ހެކިންގެ ގޮތުގައި ހުށަހަޅާ ދެ މީހުންގެ ފިންގަޕްރިންޓް ޖަހަން ޖެހޭނެ ކަމަށް. ކުރިން ރެޖިސްޓަ ކޮށްފައިވާ މީހުންގެ އެކަން ފުރިހަމަ ކޮށްފަ އެއް ނުވޭ. އަޅުގަނޑުމެން ދެކެނީ އަލުން ރެޖިސްޓްރޭޝަން ފަށަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓް ލާން ރަޖިސްޓްރީ ކުރާ ކޮންމެ މީހަކު އެމީހެއްގެ އިނގިލީގެ ނިޝާން ޖަހަން ޖެހެ އެވެ. އެެހެން މީހެއް މެދުވެރިކޮށް ރެޖިސްޓާ ކުރަން ހުށަހަޅާ ނަމަ ދެ ހެކިން ހުށަހެޅުމާ އެކު އެ ދެ މީހުންގެ އިނގިލީގެ ނިޝާން ވެސް ޖަހަން ޖެހެ އެވެ. އިންތިޚާބާ ބެހޭ މައްސަލައެއް ޕީޕީއެމުން މިއަދު ހުށަހަޅާފައިވާ އިރު އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ބާތިލްކޮށްދިނުމަށް އެދި އަމިއްލަ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، ޕީޕީއެމުން ބުނެފައިވަނީ އެ މައްސަލަ އަނބުރާ ގެނައުމަށް ވަހީދާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ