ސީޕީގެ މައްޗަށް ނާޒިމް ކުރެއްވި އަބުރުގެ ދައުވާ ސިވިލް ކޯޓުން ބަލައެއް ނުގަތް
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަތިޔާރު ފެނުނު ކަމަށް ވިދާޅުވި މައްސަލައިގައި، ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ މައްޗަށް ނާޒިމް ހުށަހެޅުއްވި އަބުރުގެ ދައުވާ ބަލައި ނުގަންނަން ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ. މިދިޔަ މަހުގެ 10 ގައި އެ ދައުވާ ކުރެއްވީ، ނާޒިމް ދިރިއުޅުއްވާ ކޮޓަރި މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބަލައި ފާސްކުރި އިރު ފެނުނު އައިއީޑީއެއް ކަމަށް ވިދާޅުވެ، ކޮމިޝަނަރު ފޮޓޯއެެއް އާއްމުކުރައްވާފައި ވިޔަސް، އެ ކޮޓަރިން ފެނުނު ތަކެތީގެ ލިސްޓުގައި ގޮވާ އެއްޗެއް ފެނުނު ކަމަށް ހިމަނާފައި ނުވާ ކަމަށް ވިދާޅުވެ އެވެ. ހަތިޔާރު އެތެރެކޮށް، ގެންގުޅުމުގެ ކުށުގެ ދައުވާ ލިބޭ، ނާޒިމްގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، މައުމޫން ހަމީދު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އެ ދައުވާ ބަލައި ނުގަންނަން ސިވިލް ކޯޓުން ނިންމީ، ކޮމިޝަނަރު އެ މައުލޫމާތުތައް އާއްމުކުރެއްވީ ރަސްމީ ހައިސިއްޔަތުން ކަމަށް ބުނެ އެވެ. ސިވިލް ކޯޓުގެ ނިންމުމުގައި ހަވާލާދީފައި ވަނީ، އޭނާ ވިދާޅުވި ގޮތުގައި، ރަސްމީ ހައިސިއްޔަތުން ދައްކަވާ ވާހަކަތަކާ ގުޅިގެން ހާއްސަ އިމްތިޔާޒުތަކެއް ލިބޭ ގޮތަށް އެކުލަވާލާފައިވާ ގަވާއިދަކަށެވެ. "އަޅުގަނޑުމެންގެ ނަޒަރުގައި އެއީ ގާނޫނީ ގޮތުން ރަނގަޅު ވާހަކައެއް ނޫނޭ. އެ ވިދާޅުވާ އިމްތިޔާޒެއް ލިބިވަޑައިގެންފައި ވަނީ، އާ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެކުލަވާލާފައިވާ ގަވާއިދެއްގެ ދަށުން ކަމަށް ވެފައި އަދި ފުލުހުންގެ ގާނޫނަށް ވެސް އަމަލުކުރަން ފެށުމުގެ ކުރިން އެކުލަވާލާފައިވާ ގަވާއިދަކަށް ވާތީ،" މައުމޫން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަބުރު ރައްކާތެރިކުރުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވުމުގެ އިތުރަށް، ފުލުހުންގެ ވަޒީފާގައި ހުންނަ ކޮންމެ މީހަކު ކުރާ ކަމަކާއި ނުކޮށް ދޫކޮށްލާ ކަމަކަށް ފަރުދީ ހައިސިއްޔަތުން ޒިންމާވާން ޖެހޭނެ ކަމަށް ފުލުހުންގެ ގާނޫނުގައިވާ ކަމަށެވެ. އެހެންވެ، މައުމޫން ވިދާޅުވީ، ސިވިލް ކޯޓުގެ އެ ނިންމުން މުރާޖައާ ކުރަން ހުށަހަޅުއްވާނެ ކަމަށެވެ. ޕޮލިސް ކޮމިޝަނަރުގެ މައްޗަށް ނާޒިމް ކުރެއްވި އަބުރުގެ ދައުވާ ބޭރުކޮށްލާފައި ވާއިރު، ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލުމަށް ފަހު އަނބުރާ ގެންދިޔަ މައްސަލައިގައި، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިންގެ މައްޗަށް، ނާޒިމްގެ އަނބިކަނބަލުން ވަނީ މިއަދު އަބުރުގެ ދައުވާ ކުރައްވާފަ އެވެ. އެހެން ނަމަވެސް، އަފާފް އަބްދުލް މަޖީދު ހުށަހެޅުއްވި އެ ދައުވާ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް، ގެންގުޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް ދެން ބާއްވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ މައްސަލައިގައި، އެންމެ ފަހުން، މިދިޔަ ހޯމަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އަށް ބަދަލުގެނެސްފަ އެވެ. އޭގެ ކުރިން، ނާޒިމްގެ މައްޗަށް އުފުލީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ބަދަލުކުރީ، އެ ދައުވާ އާއި އޭގައި ހަވާލާ ދީފައިވާ ގާނޫނުގެ މާއްދާތަކާ ގުޅުން ނެތް ކަމަށް، ނާޒިމްގެ ވަކީލުން ފާހަގަކުރެއްވުމުންނެވެ. ނާޒިމްގެ މައްޗަށް ދައުވާކުރާ ސަބަބެއް ކަމަށް ދައުލަތުން ބުނެފައި ވަނީ، އޭނާ ދިރިއުޅުއްވާ ކޮޓަރި މިދިޔަ ޖެނުއަރީ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ފާސްކުރި އިރު، ދަބަހެއްގެ ތެރެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުމާއި ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލާދޭން ރަވާފައިވާ ކަމުގެ މައުލޫމާތުތަކެއް، އެ ދަބަހުން ފެނުނު ޕެން ޑްރައިވްގައި ހުރުމުންނެވެ. އެ ޕެން ޑްރައިވުން ލިބުނު މައުލޫމާތުތަކަށް ބަލާ އިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހަރަދުކޮށްގެން ކުރިއަށް ގެންދަން ރާވާފައިވާ، "އިންޑިވިޖުއަލް ޓާސްކްތަކަކާ"އި "ޖޮއިންޓް ޓާސްކްތަކެއް" ނާޒިމާ ހަވާލުކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެ އެވެ. އަދި އެއީ ދައުލަތުގެ އިއްޒަތްތެރިންތަކަކަށް ހަމަލާދިނުން ކަން އެނގޭ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. ނާޒިމް ހުންނެވީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ