ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ކަންކަން ކުރަން އަމުރުކޮށްފި

މިމަހުގެ ހަތްވަނަ ދުވަހު ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ނެރެފައިވާ އަމުރުގައި ދީފައިވާ ގައިޑްލައިނާއި އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށާއި ރަޖިސްޓްރޭޝަން ކަންތައްތައް އަލުން ފަށަން ސުޕްރީމް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ސޮއި ކުރައްވާ މިރޭ ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ އިންތިޒާމުތަކުގެ ސައްހަކަމާއި، ގާނޫނީ ހައިސިއްޔަތު ބިނާވެގެންދާނީ، ސުޕްރީމް ކޯޓުގެ މި އަހަރުގެ 42 ނަމްބަރު ގަޒިއްޔާގައި ދީފައިވާ ގައިޑްލައިނާއި އެއްގޮތަށް އެ އިންތިޒާމުތައް ހުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަނާއި، އަދި އެ ގަޒިއްޔާގައި އިޝާރާތްކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
އަދި އެ އަމުރުގައި ބުނެފައިވަނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އާ އިންތިޒާމުތަކެއްގެ ދަށުން ބާއްވާއިރު، ސުޕްރީމް ކޯޓުގެ މިއަހަރުގެ 42 ނަމްބަރު ގަޒިއްޔާއިން ބާތިލުކޮށްފައިވާ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނާއި، ރަނިންމޭޓުންގެ ތެރެއިން ކޮންމެ ފަރާތަކީ، ފުރަތަމަ ބުރުގައި ވާދަކުރުމާއި ނުކޮށް ދޫކޮށްލުމުގެ ހައްގު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމަށް ކަނޑައެޅިގެން އޮންނަ ކަމަށެވެ.
މީގެ އިތުރުން އެ އަމުރުގައި ބުނަނީ ސުޕްރީމް ކޯޓުގެ މިއަހަރުގެ 42 ނަމްބަރު ގަޒިއްޔާގައި ދީފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިތުރު ސަބަބުތަކެއް ކުރިމަތި ކުރުމަކާއި ނުލައި ކުރިއަށް ގެންދިއުމަށާއި، ގާނޫނު އަސާސީގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ މައި ރަޖިސްޓްރީ ތައްޔާރު ކުރުމާއި، އަދި އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓްރީކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އާ އިންތިޒާމުތަކެއްގެ ދަށުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ހޮނިހިރު ދުވަހު ބާއްވާއިރު، މީގެ ކުރިން ރީ ރަޖިސްޓްރީ ކުރި ކުރުމަށް ބެލުމެއް ނެތި އަލުން އެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އިލެކްޝަނަށް އަމުރު ކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ މިއަހަރު 42 ނަމްބަރު ގަޒިއްޔާގައި ކޮށްފައިވާ ހުކުމުގައި ދީފައިވާ ގައިޑްލައިންތަކަކީ، ގާނޫނު އަސާސީއާޢި، އިންތިހާބުތަކާއި ބެހޭ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގާނޫނީ އޮނިގަނޑުގެ ތަރަހައިގެން ތެރެއިން ދީފައިވާ ގައިޑްލައިންތަކެއް ކަމަށެވެ. އެހެންކަމުން އެ އިންތިހާބާއި ގުޅިގެން ރީ ރަޖިސްޓްރީ ކުރުމާއި ބެހޭ ގޮތުން މިމަހުގެ ނުވަވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ދެ އިއުލާނަކީ، ސުޕްރީމް ކޯޓުން ދީފައިވާ ގައިޑްލައިނާއި ޚިލާފަށް އިލެކްޝަންސް ކޮމިޝާނުން ކޮށްފައިވާ އިއުލާންތަކެއް ކަމަށާއި، އަދި ގާނޫނު އަސާސީގެ 113 ވަނަ މާއްދާއާއި 144 ވަނަ މާއްދާގެ (ށ) އާއި 145 ވަނަ މާއްދާގެ (ނ) ގެ އިތުރުން ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް އެ އިއުލާނުތަކަކީ ބާތިލު އިއުލާނުތަކެއް ކަމަށެވެ.
މިރޭ ސުޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އެ ކޯޓުގެ މިއަހަރުގެ 42 ނަމްބަރު ގަޒިއްޔާގައި ދީފައިވާ ގައިޑްލައިންތަކަކީ، ޝަރީއަތަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބާއި އެ ނޫނަސް އިންތިހާބުތަކަކީ، ޤާނޫނު އަސާސީގެ 170ވަނަ މާއްދާގެ (ހ)ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންސާފުވެރިކަމާއި އެކު ނުރަނގަޅު ނުފޫޒެއް ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްގު ފުރިހަމަޔަށް ބޭނުންކުރެވޭ ގޮތަށް ބޭއްވޭ އިންތިހާބެއްކަން ކަށަވަރުކުރުން ކަމަށެވެ.
މި އަމުރު ނެރުނު އިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަލުން އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ހިމަނާފައިވާ ގައިޑްލައިންތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތަބާވުމަށް އަމުރުކޮށްދިނުމަށް ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.http://www.supremecourt.gov.mv/mediafolder/2013-sc-cj-07.pdf
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ