ގާސިމް ކުރެއްވި ތުހުމަތާ މެދު ވާހަކަ ދައްކާކަށް ނެތިން: ނަޝީދު

ފަނޑިޔާރަކާ ބެހޭ ގޮތުން ނެރެގެން އުޅެނީ "ދޮގު ވީޑިއޯއެއް" ކަމަށާއި އެފަދަ ގޮތްގޮތަށް މީހުން ބްލެކްމެއިލް ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ މަދަދުދާރުން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ގާސިމް އިބްރާހިމް ކުރެއްވި ތުހުމަތާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ވިދާޅުވަން ބޭނުންފުޅު ނުވާ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ. ކެމްޕޭނު ދަތުރުގައި ބ. އަތޮޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން، "ހަވީރު"ން ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެބާވަތުގެ ވާހަކައެއްްގެ ދައްކަވަން ބޭނުންފުޅުނުވާ ކަމަށެވެ. "އަޅުގަނޑު ތިކަމާ ގުޅޭ ގޮތުން އެއްްވެސް ވާހައެއް ދައްްކާކަށް ނެތިން،" ނަޝީދު ވިދާޅުވި އެވެ. ފަނޑިޔާރަކާ ބެހޭ ގޮތުން ގެންގުޅެނީ "ދޮގު ވީޑިއޯއެއް" ކަމަށް ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ނަހަމަ ގޮތުގައި އަންހެނަކާ ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ފުލުހުންނާއި ޖޭއެސްސީން ބަލަމުން ދަނިކޮށް މިހަފުތާގައި ތ. ހިރިލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގަ އެވެ. ގާސިމް ވިދާޅުވީ ނަޝީދުގެ ފަހަތްޕުޅުގައި ޖިނާއީ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން އެބަތިބި ކަމަށާއި އެ މީހުން ނަޝީދު ވިދާޅުވާ ގޮތަކަށް އެނބުރޭނެ ކަމަށެވެ. "މިގޮތަށް ވެގެން ގޮސް އެންމެ ފަހުން ބްލެކްމެއިލްކުރާ ހިސާބަށް ގެންގޮސްގެން މީހުން ތާށިކުރުވާފައި ތިބޭނީ. ފާޑުފާޑުގެ ކަންތައްތައް ކޮށްގެން. މިއަދު ވެސް ބަލާބަލަ ފަނޑިޔާރަކާ ބެހޭ ގޮތުން ނެރެގެން އުޅޭ ދޮގު ވީޑިއޯތަކާއި އެއްޗެހި. ދެން އެގޮތަށް ބްލެކްމެއިލް ކުރުވައިގެންނާއި އެގޮތް މިގޮތަށް ކަންތައްތައް ކުރުވައިގެން މި ބޭނުންވާ ގޮތަށް އޭނާ [ނަޝީދު] މަސައްކަތް ކުރަމުން މިގެންދަނީ،" މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ. ދައުލަތުގެ އިސް ވެރިންތަކެއްގެ އޮރިޔާން ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމާއި އޭގެ ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ ކުރީގެ އެޑްވައިޒަރު އަހުމަދު ފާއިޒް ވަނީ ހައްޔަރުކޮށްފަ އެވެ. މި ވީޑިއޯގެ މައްސަލަ މިހާރު ދަނީ ޖޭއެސްސީން ބަލަމުންނެވެ. ނަމަވެސް އަދި ފަނޑިޔާރާ މެދު ފިޔަވަޅެއް ނާޅަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ