ތިން އަހަރުތެރޭ ސިޓީއެއްގެ ފެންވަރަށް ބޮޑުމޮހޮރާ ތަރައްގީ ކުރާނަން: ގާސިމް

ވ. އަތޮޅު ރައްޔިތުން އެދޭނަމަ އެއަތޮޅުގެ ބޮޑުމޮހޮރާ ފަޅު ހިއްކާ ވ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ދިރިއުޅެވޭނެ ޒަމާނީ ފެންވަރުގެ ސިޓީއެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޤާއިމުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން މިރޭ ވ. އަތޮޅު ކެޔޮދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ބޮޑު މޮހޮރާ ފަޅުހިއްކާ އެތަނުގައި ވ. އަތޮޅުގެ ހުރިހާ ރައްޔިތުންނާއި އަދި އެހެން ބައެއް ރަށްރަށުގެ ރައްޔިތުން އެތަނުގައި އާބާދުކުރުމަކީ އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރުވެސް ކުރެއްވި މަސައްކަތެއް ކަމަށެވެ.
ނަމަވެސް އޭރު ބައެއް ރައްޔިތުން އެކަން ކުރަން ބޭނުން ނުވުމުންނާއި، އަދި އެހެނިހެން ބައެއް ސަބަބުތައްވެސް ކުރިމަތިވެގެން އެމަސައްކަތް ނުވެދިޔައީ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑުމޮހޮރާ ފަޅު ހިއްކާ އެތަނުގައި ޒަމާނީ ހުރިހާ ވަސީލަތެއް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ޤާއިމުކޮށް ނިމެނޭ ކަމަށާއި، ރައްޔިތުން އެތަނަށް ދިރިއުޅުން ބަދަލުކުރާއިރު އެތަނުގައި ހުރިހާ ކަމެއް ޤާއިމުކޮށްދެވިފައި ހުންނާނެ ކަމަށެވެ. އަދި ބޮޑުމޮހޮރާގައި އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ އެމްޑީޕީއަކީ މިއަދު ޤައުމު ފަސާދަކޮށް ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާ ބައެއް ކަމަށާއި، ހަމައާ އުސޫލު ޤަބޫލުކުރައްވާ ބޭފުޅުން އެފަދަ ޕާޓީއެއްގައި ނުތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ޤައުމަށާއި ރައްޔިތުންނަށް ނިކަމެތިކަމާއި ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާތީ ރައީސް ނަޝީދަށް މިޤައުމުގެ ވެރިކަން ލިބިވަޑައިގަންނަވާނެ އެއްވެސް ގޮތެއް މިހާރު ނެތް ކަމަށާއި، ނަޝީދު ގެއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދުގެ ވެރިކަމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ދިރާގުގެ މެޖޯރިޓީ ހިއްސާ ވިއްކާލުމުން ދިވެހި ޤައުމަށް މިއަދު ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ނަޝީދުގެ ކެމްޕޭނަށް ހަރަދުކުރާ ފައިސާއަކީ ދިވެހި ރައްޔިތުންގެ ހަޒާނާއިން ނަގައިގެން އުޅޭ ފައިސާ ކަމަށްވެސް ޤާސިމް އިބްރާހިމް ވަނީ ތުހުމަތުކުރައްވާފައެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ދިވެހި ޤައުމަށް ތަރައްޤީއާ ކުރިއެރުން ގެނެސްދެވޭނީ ހަމަޖެހުމާއި އަމާންކަން ޤައުމުގައި އޮވެގެން ކަމަށާއި، ހުރިހާ ރައްޔިތުންވެސް އެގޮތަށް އަމަލުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެ4ވެ.
ބައެއް ޤައުމުތަކުން މިއަދު ބައެއް ކަންކަމުގައި ދިވެހިންނަށް އުދަގޫވާ ގޮތަށް ކަންކަން ކުރަމުންދަނީ ބަޔަކު ދިވެހި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ބޭރު ދުނިޔޭގައި ތިބެގެން މަސައްކަތް ކުރަމުންގެންދާތީ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ދިވެހިންނަށް ގެއްލުންދީ ބޭރު ބައެއްގެ އަތްދަށަށް ޤައުމު ގެންދިއުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ދައްކަވާ ބައެއް ވާހަކަފުޅުތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުފާޑުގެ އިންޒާރު ދޭ ކަމަށާއި، އެކަމަށް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ.
ކެޔޮދޫގެ މެޖޯރިޓީ ޕާޓީއަކީ މިހާރު ޖުމްހޫރީ ޕާޓީ ކަމަށްވާތީ ޖުމްހޫރީ ޕާޓީއަށް އެވަރުގެ ކާމިޔާބެއް ހޯދައިދީ އަދި ޖުމްހޫރީ ޕާޓީއަށް ކެޔޮދޫ ރައްޔިތުން އިތުބާރު ކުރެއްވީތީ ޤާސިމް އިބްރާހިމް ވަނީ މިރޭގެ ޖަލްސާގައި ކެޔޮދޫގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ