އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މާދަމާއިން ފެށިގެން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާން ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ މާދަމާ އިން ފެށިގެން 10 ދުވަސް ވަންދެން ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކަށް ވެސް އެ ބޭފުޅެއްގެ ކެންޑިޑެސީ ސައްހަކަން ނުވަތަ ނޫންކަން 48 ގަޑިއިރުގެ ތެރޭގައި އަންގާނެ ކަމަށެވެ.
ފުވާދު ވިދާޅުވީ، މާދަމައިން ފެށިގެން މިމަހުގެ ސައްވީސް ވަނަ ދުވަހުގެ ނިޔަލަށް ބަންދު ދުވަސްތަކުގަ ވެސް ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާ، މި މުއްދަތު ހަމަވުމަށްފަހު މުއްދަތު އިތުރު ކޮށްނުދެވޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމާއި އެކު ފަނަރަސަތޭކަ މީހުންގެ ތާއިދު އޮތްކަން އަންގައި ދިނުމުގެ ގޮތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ސާޅީސް ހާސް ރުފިޔާ ޑިޕޮސިޓްގެ ގޮތުގަ ހުށަހަޅަންޖެހޭނެ ކަމަށް ފުވާދު ވިދާޅުވި އެވެ.
ފުވާދު އިތުރަށް ވިދާޅުވީ، ކެންޑިޑޭޓެއްގެ ކެންޑިޑޭސީއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާއި މެދު ނުވަތަ ކެންޑިޑޭޓަކާއި ގުޅޭގޮތުން އެއްވެސް މައްސަލައެއް އޮތް ނަމަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޮގަސްޓް 24 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާއި މެދު ހިތްހަމަ ނުޖެހުނަސް އަދި ކެންޑިޑޭޓަކާއި މެދު ހިތްހަމަ ނުޖެހުނަސް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ 5 ދުވަސްވަންދެން،" ފުވާދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގަ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު ފަޔާޒު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭސީ ބަލައިގަންނަ ފަހުން ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ނިންމައިފިނަމަ އަމަލު ކުރާނެ ގޮތެއް ނިންމާނީ އެވަގުތެއް ޖެހުމުން ކަމަށެވެ. އަދި މި އިންތިޚާބުގަ ދިހަ ހާސް މެންބަރުން ހަމަނުވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށްވެސް ކުރިމަތިލެއްވޭނެ ކަމަށާ، ކޯޓުތަކުގަ ހިނަގމުންދާ އެއްވެސް މައްސަލަޔަކާއި ގުޅިގެން އިންތިޚާބުގެ އެއްވެސް ކަމެއް ލަސް ނުވާނެ ކަމަށް ފަޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަމަލ ކުރާނީ ޤާނޫނު އަސާސީގައި އޮތް ގޮތަށް. ކޯޓަކުން ވަކި ބޭފުޅެއްގެ މައްސަލަ ބެލިޔަސް ކޯޓުން ހުކުމް ކުރީމަ ނޫނީ އަޅުގަނޑުމެން ވަކި ގޮތެއް ނުނިންމާނަން،" ފަޔާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ހ ގެ ދަށުން އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމާއެކު އެއްތިރީސް ލިޔެކިޔުމެއް ހުށަހަޅަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އޭގެ ތެރޭގަ ކުށުގެ ރިކޯޑާއި، އެ ކެންޑިޑޭޓެއްގެ ރަނިންމޭޓުގެ މައުލޫމާތުތައް ހިމެނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރު ބާއްވާ ރިޔާސީ އޮންތިޚާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު ހަތްގަޑި ތިރީހުން ހަވީރު ހަތަރުގަޑި ސުންމިނެޓަށް ކަމަށެވެ.
އަދި ވޯޓު ގުނުމުގެ މަސައްކަތް ވޯޓުލާ ނިމޭތާ ތިރީސް މިނިޓް ތެރޭގަ ފެށުމަށް ހަމަޖެހިފައިވާ ކަމަށާ ރަސްމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ، ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ