އުމަރު ޑީއާރުޕީން ވަކިކުރި މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވޭނެ: ހައި ކޯޓު

ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކިކުރި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހައި ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ އުމަރު ޑީއާރުޕީން ވަކިކުރި މައްސަލަ އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ހުށަނާޅައި ކޯޓަށް ހުށަނޭޅޭނެ ކަމަށް ބުނެ ޑީއާރުޕީން ސިވިލް ކޯޓުގައި ނެގި އިޖްރާއީ ނުކުތާގަ އެވެ. އެ މައްސަލައިގައި އެ ކޯޓުން ނިންމާފައިވަނީ އިސްތިއުނާފް ކޮމެޓީއަށް ހުށަނާޅާ ވެސް އެ މައްސަލަ ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެހެންވުމުން އެ ނިންމުން ޑީއާރުޕީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އެވެ. އުމަރު ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާގައި އެދިފައިވަނީ އޭނާ އެ ޕާޓީން ވަކިކޮށްފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި އެ ނިންމުން ބާތިލްކޮށްދިނުމަށެވެ. އެ އިޖްރާއީ ނުކުތާގެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޔޫސުފް ހުސައިނާއި ފަނޑިޔާރު އަބްދުއް ރައޫފް އަދި ފަނޑިޔާރު އަލީ ސަމީރު އިއްތިފާގުވެ ވަޑައިގެންފައިވަނީ ދަށު ކޯޓުގެ އެ ނިންމުން ރަނގަޅު ކަމަށެވެ. ނަމަވެސް އެގޮތަށް އިއްތިފާގުވުމުގައި ފަނޑިޔާރު ޔޫސުފް ހުސައިން ފާހަގަ ކުރެއްވި ބައެއް ނުކުތާތައް އަނެއް ދެ ފަނޑިޔާރުންނާ ތަފާތެވެ. ޔޫސުފް ހުސައިންގެ ނުކުތާގައިވަނީ ކޮންމެ މީހަކަށްމެ އިންސާފު ހޯދުމަށް ޝަރީއަތަށް ދިއުމުގެ ހައްގު ގާނޫނު އަސާސީން ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޑީއާރުޕީގެ މެމްބަރަކާމެދު އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭނަމަ އެކަން އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ހުށަހެޅިދާނެ ކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮތުމަކީ އުމަރު ޑީއާރުޕީން ވަކިކުރި މައްސަލައިގައި އޭނާއަށް ޝަރީއަތަށް ދިއުމުގެ ހައްގު ގެއްލިފައިވާ ކަމަށް ބެލެވޭނެ ހަމައެއް ނޫން ކަމަށް އެ ނުކުތާގައި ވެއެވެ. މީގެ އިތުރުން ޑީއާރުޕީގެ އަސާސީ ގަވާއިދަށް ބަލާއިރު އެޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް މައްސަލަ ހުށަހެޅޭނީ އެ ޕާޓީގެ މެމްބަރަކަށް ހުރި މީހަކާމެދު އަޅާ ފިޔަވަޅަކާ ގުޅިގެން ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ފަނޑިޔާރު ޔޫސުފް ހުސައިން ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އުމަރު އެ ޕާޓީން ވަކިކުރި މައްސަލައިގައި އުމަރަށް ޝަރީއަތަށް ދިއުމުގެ ހައްގު ފުރިހަމައަށް ލިބިގެންވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް އަނެއް ދެ ފަނޑިޔާރުން ފާހަގަ ކުރެއްވި ނުކުތާތަކުގެ ތެރެއިން ޔޫސުފް ހުސައިނާ ތަފާތުވި ނުކުތާގައި ވަނީ ވަކި އިޖްރައާތުތަކެއް ފުރިހަމަކޮށްފައި ނޫނީ ކޯޓަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް އޮތުމަކީ އިންސާފުވެރި އުސޫލެއް ކަމަށާއި އެއީ ގާނޫނު އަސާސީގައި ބުނާ އިންސާފު ހޯދުމަށް ޝަރީއަތަށް ދިއުމުގެ ހައްގުން މަހުރޫމް ކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން އެފަދަ އުސޫލެއް އޮވެއްޖެނަމަ އޭގެ ބާރު ހިނގާ ފަރާތްތަކުން އެއަށް އަމަލުކުރުން ލާޒިމްވާނެ ކަމަށް އެ ދެ ފަނޑިޔާރުން ދެކެވަޑައިގަންނަވަ އެވެ. ސަބަބެއް ކަމަށް އެ ދެ ފަނޑިޔާރު ފާހަގަ ކުރައްވާފައިވަނީ ސިޔާސީ ޕާޓީތަކަށް ވަނުމަކީ މަޖުބޫރުކަމެއް ކަމަށް ނުވާއިރު އަދި ޕާޓީއަކަށް ވަންނަނީ އެ ޕާޓީއެއްގެ ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށް އިގްރާރުވެގެން ކަމަށްވާއިރު އެ ގަވާއިދުތަކަކީ އިސްލާމީ ޝަރީއަތާއި ގާނޫނާ ހިލާފްނުވާ ގަވާއިދެއް ނަމަ އެ ޕާޓީއެއްގެ މެމްބަރުންނަށް އެ ގަވާއިދުތަކަށް އަމަލުކުރުން ލާޒިމުވާނެތީ އެވެ. ނަމަވެސް ފަނޑިޔާރު ޔޫސުފް ހުސައިން ފާހަގަ ކުރެއްވި ގޮތަށް އަނެއް ދެ ފަނޑިޔާރުންވެސް ފާހަގަ ކުރެއްވި ގޮތުގައި ޑީއާރުޕީގެ މެމްބަރަކާމެދު އަޅާ ފިޔަވަޅެއް އިސްތިއުނާފް ކުރުމުގެ ހައްގު ލިބިގެންވަނީ އެ ޕާޓީގެ މެމްބަރުންނަށް ކަމަށް ވުމުން އުމަރު އެ ޕާޓީން ވަކިކުރި މައްސަލައިގައި އޭނާއަށް އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ބައެއް ނުކުތާތައް ތަފާތުވި ނަމަވެސް ތިން ފަނޑިޔާރުންގެވެސް އިއްތިފާގުން ނިންމާފައިވަނީ އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. ޑީއާރުޕީގައި އުފެދުނު މައްސަލަތަކުގައި އުމަރު ވަނީ ޑީއާރުޕީން ވަކިވެ ވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ