ސަރުކާރުގެ ސައްހަކަން ވަނީ ގެއްލިފައި: ގާސިމް
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސައްހަކަން މިހާރު ގެއްލިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ބައެއް ބޭފުޅުން ޖޭޕީ އަށް ސޮއިކުރުމަށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނުން ޖޭޕީ ވަކިކުރަން ޕީޕީއެމްގެ ކައުންސިލުން ނިންމި ދުވަހުން ފެށިގެން ސަރުކާރުގެ "ލެޖިޓިމެސީ" ގެއްލިފައިވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ ހަމައެކަނި ރައީސް ޔާމީނަށް ނޫން ކަމަށް ވާތީ އެވެ. "ގާތްގަނޑަކަށް 28 ޕަސެންޓާއި 29 ޕަސެންޓާ ދެމެދުގެ އަދަދެއް ކަންނޭނގެ ލިބުނީ ދެވަނަ ބުރުގައި. އެހެންވީމަ، އަޅުގަނޑުމެން ނުކުމެ ރައްޔިތުންނަށް އާދޭސްކޮށް، ސަލާންޖަހައިގެން، ރައްބިޔަށް ރަސޫލަށް ދަންނަވާ ހަދައިގެން އެ ބޭފުޅާއަށް ވޯޓު ހަމަވެގެން ރައީސްކަމަަށް ހޮވީ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ. މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ގާސިމްއާ ސަލާމް ކުރައްވަނީ: ސަރުކާރުން "ނިކަމެތި، ދަށު ދަރަޖައިގެ" އަމަލުތައް ހިންގަމުންދާ ކަމަށް ވިދާޅުވި.-- ފައިލް ފޮޓޯ: ރައީސް އޮފީސް ސަރުކާރުން ކުރަމުން ގެންދާ "ނިކަމެތި، ދަށު ދަރަޖައިގެ" އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ގާސިމް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގައި ތިބި އިރު ވެސް އަދި މިހާރު އިދިކޮޅު އެމްޑީޕީއާ އެކު ޖޭޕީން ދަނީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި "މިންގަނޑުން ބޭރުވާ ވަރަށް" ގާނޫނާ ހިލާފު އަމަލުތައް ހިންގަން ފެށުމުން ސަރުކާރާ ދެކޮޅަށް ނުކުންނަން ޖެހިވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ކުރަމުން ގެންދާ ގާނޫނާ ހިލާފު ކަންކަމުގެ މިސާލަކަށް ގާސިމް ނެންގެވީ، ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމާއި ރައީސްގެ އަތްޕުޅު މައްޗަށް ހުރިހާ ބާރުތަކެއް ޖަމާވާނެ ގޮތަަށް ގާނޫނުތައް ބަދަލުކުރުމާއި ސަރުކާރު ޒިންމާދާރު ކުރުވަން ތިބި މުއައްސަސާތަކަށް ނުފޫޒު ފޯރުވުމާއި ސަރުކާރު ހިންގާ ޕާޓީގައި ނޫޅޭ މީހެއް ނަމަ ވަޒީފާއިން ވަކިކުރުމާއި ސިޔާސީ ފަރާތްތަކަށް ޖެއްސުންކުރުން އަދި ކޮރަޕްޝަން އިންތިހާ އަށް މައްޗަށް ދިއުމެވެ. އޭގެ ތެރެއިން ވެސް، މާލިއްޔަތު ގާނޫނާއި ތޫނު ހަތިޔާރާ ބެހޭ ގާނޫނާއި ކޯޓުތަކާ ބެހޭ ގާނޫނާއި އޮޑިޓަ ޖެނެރަލްގެ ގާނުނަށް ގެނައި އިސްލާހުގެ އިތުުރުން، އެސްއީޒެޑުގެ ގާނުނު އޭނާ ފާހަގަކުރެއްވި އެވެ. "މިކަހަލަ ކަންތައްތައް އެއީ އަޅުގަނޑުމެން ގަބޫލުކުރާ މިންވަރަށް ވުރެ ބޮޑުކޮންނޭ. ... ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ބާރުތަކެއް ލިބިގެންދާ ދުވަހެއްގައި އަޅުގަނޑުމެން އެކަހަލަ ކަމެއް ނުކުރާނަން އިރާދަކުރެއްވިއްޔާ ކަށަވަރުކަމާ އެކީގައި ދަންނަވަން އަޅުގަނޑަށް ކެރޭ،" ގާސިމް ވިދާޅުވި އެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ރައީސް ޔާމީނާއި ގާސިމް ވާހަކަފުޅު ދައްކަވަނީ: ރައީސްގެ އަތްޕުޅު މައްޗަށް ހުރިހާ ބާރުތައް ޖަމާކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ގާސިމް މިއަދު ވިދާޅުވި.-- ހަވީރު ފައިލް ފޮޓޯ އަަސާސީ ހައްގުތައް ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ގާސިމް ތުހުމަތު ކުރައްވާފައި މިވަނީ، އުމުރުން 65 އަހަރު ވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލެއް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރަކު ހުށަހަޅުއްވާފައި ވަނިކޮށެވެ. މި އިސްލާހުގެ ސަބަބުން، މިހާރު 2018 ގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ޔަގީން ކުރެވޭ ބޭފުޅުންގެ ތެރެއިން ފުރުސަތު ގެއްލެނީ ގާސިމަށް އެކަންޏެވެ. ދެން ރިޔާސީ އިންތިހާބު ބާއްވާ އިރު އޭނާ އަށް 66 އަހަރު ފުރޭނެ އެވެ. އަޅުގަނޑުމެން ނުކުމެ، ރައްޔިތުންނަށް އާދޭސްކޮށް، ސަލާންޖަހައިގެން، ރައްބިޔަށް ރަސޫލަށް ދަންނަވާ ހަދައިގެން އެ ބޭފުޅާ އަށް ވޯޓު ހަމަވެގެން ރައީސްކަމަަށް ހޮވީ،-- ގާސިމް މީގެ އިތުރުން، ގާނޫނުއަސާސީ ހިމާޔަތްކުރަން ޖޭޕީ އާއި އެމްޑީޕީން މި ހަފުތާގައި އެއްބަސްވެފައި ވާއިރު، އެ މަސައްކަތުގައި ކޮންމެ ދިވެހި ރައްޔިތަކާ އެކީގައި ވެސް ކުރިއަށް ދާން ތައްޔާރަށް ހުންނެވި ކަމުގެ ޔަގީންކަން ވެސް ގާސިމް ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އިސްލާމް ދީނާއި ގާނޫނުއަސާސީ ހިމާޔަތްކުރަން ސާބިތުކަމާ އެކީގައި ކުރާ މަސައްކަތުގައި، އޭނާ އަށް ދަތިކުރުމަށް ސަރުކާރުން އަޅާފާނެ އެއްވެސް ފިޔަވަޅަކަށް ފަރުވާލެއް ނެތެވެ. "އެއީ އެއްގޮތަކަށް ވެސް އެކަމަށް ވިސްނާ ކަމަށް ވަންޏާ އެއްގޮތަކަށް ވެސް މި ކަމެއް ނުކުރެވޭނެ. ދެން އަޅުގަނޑު ދަންނަވާލާނަން، ކަނޑު މައްޗަށް ފުރައިގެން އުޅޭ އިރު، ރާޅާ ވެސް ލައިގަންނާނެ، ވިއްސާރަޔާ ވެސް ދިމާވާނެ،" ރާވައިގެން ހިންގާ އެފަދަ "އަނިޔާވެރިކަމުގެ ރަހަ ދެކޭނެ" ކަމަށާއި އެކަމެއް "އަނބުރާ އެ ކުރާ ބަޔަކަށް ރައްދުވާނެ" ކަމުގެ އިންޒާރު ދެއްވަމުން ގާސިމް ވިދާޅުވި އެވެ. ސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ގާސިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވާއިރު، ޕީޕީއެމާ އެކު 2013 ގައި ހެދި ކޯލިޝަނުން ވަކިވެފައިވާ ޖޭޕީގެ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ. ޖޭޕީން އެ ގޮތަށް ފާސްކުރި އިރު ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މިދިޔަ މޭ މަހު ގާސިމް ކުރިމަތިލެއްވުމާ ގުޅިގެން، ކޯލިޝަނުން އެ ޕާޓީ ވަކިވެފައިވާ ކަމަށް ޕީޕީއެމުން ވަނީ އިއުލާން ކޮށްފަ އެވެ. އަދި ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ގިނަ ސިޔާސީ ބޭފުޅުން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ކޯލިޝަންގެ ޖަލްސާއެއްގައި ރައީސް ޔާމީން، ނައިބު ރައީސް ޖަމީލް އަދި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ: ކޯލިޝަން މިހާރު ވަނީ ރޫޅިފައި.-- ހަވީރު ފައިލް ފޮޓޯ އޭގެ ފަހުން، މިދިޔަ ހޯމަ ދުވަހު ޖޭޕީ އާއި އެމްޑީޕީން ވަނީ ގާނޫނުއަސާސީ ހިމާޔަތްކުރަން މަޖިލީހުގެ ތެރެއިންނާއި ބޭރުން މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ. އަދި އެ މަސައްކަތުގައި އެހެން ޕާޓީތަކުން ބައިވެރިވުމަށް ވެސް އެ ދެ ޕާޓީން ދައުވަތު ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ