ކުރީގެ މެމްބަރު ނާޒިމް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް އިތުރު 10 ދުވަސް ދީފި

މަކަރާއި ހީލަތުގެ މައްސަލަ ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރުމަށް އިތުރު 10 ދުވަހުގެ މުއްދަތެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފި އެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރުގައި ހުރުމަށް އޭރު ކަރެކްޝަންސް އިން ދީފައި އޮތީ ދެ ހަފުތާގެ މުއްދަތެކެވެ. އެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ކޮމިޝަނަ އޮފް ޕްރިޒްންސް މުހައްމަދު ހުޝާމް މިއަދު "ހަވީރަ"ށް ވިދާޅުވީ ސިންގަޕޫރުގައި އިތުރު އޮޕަރޭޝަނެއް ކުރަން ނާޒިމް ބޭނުންވާތީ، އިތުރު 10 ދުވަސް އޭނާ އަށް މިހާރު ދީފައިވާ ކަމަށެވެ. "އެ މުއްދަތު ހަމަވާނީ މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް. އެކޮޅުން ކުރަން ދިޔަ އޮޕަރޭޝަނާ އެކު އެހެން އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ރިކޮމެންޑް ކުރީ އެހެން އޮޕަރޭޝަނެއް ވެސް ކުރަންޖެހޭ ކަމަށް. އެ އޮޕަރޭޝަނާ ގުޅޭ ޑޮކިއުމަންޓްތަކާއި ކަމާގުޅޭ އެހެން ޑޮކިއުމަންޓްތައް ބަލާފައި ނިންމީ [ނާޒިމަށް] އިތުރު 10 ދުވަސް ދޭން،" ހުޝާމް ވިދާޅުވި އެވެ. ނާޒިމަކީ ވަރަށް ކުރިއްސުރެ ފެށިގެން މައިބަދައިގެ މައްސަލަ ހުންނަ އަދި މައިބަދައިގެ ދެ އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން މާލޭގެ އައިޖީއެމްއެޗްގައި ވެސް އޭނާ ވަނީ މައިބަދައިގެ އޮޕަޝަނެއް ކުރައްވައިފަ އެވެ. ސުޕްރީމް ކޯޓުން ނާޒިމްގެ މައްޗަށް 25 އަހަރުގެ ހުކުމެއް ކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން ބިޑް ކާމިޔާބުކުރި ކަމުގެ ކުށުގަ އެވެ. އެ މުއާމަލާތުގެ އަގު ކަމަށް ވާ 1.4 މިލިއަން ރުފިޔާ އަކީ ނިވާފަތްގަނޑަކަށް ކުންފުނި ބޭނުންކޮށްގެން މަކަރާއި ހީލަތުން ނާޒިމް ހޯއްދަވާފައިވާ އެއްޗެއްކަން ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާފުކޮށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބެއްލެވި މައްސަލައިގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ