މާފަރު ރައްޔިތުން ނުކުމެ ސަރުކާރުގެ ހުރިހާ އިމާރާތެއް ބަންދުކޮށްފި

މާފަރު ރައްޔިތުން ނުކުމެ ރަށު ކައުންސިލު އިދާރާއާއި ސަރުކާރުގެ ހުރިހާ އިދާރާތަކެއް ބަންދުކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން މާފަރު ކައުންސިލްގެ ރައީސް އަންވަރު އަބުދުލްޣަނީ ވިދާޅުވީ 1100 މީހުންގެ އާބާދީއެއް އޮންނަ މާފަރުގެ ހުރިހާ ރައްޔިތުންހެން އެސަރަހައްދަށް މިހާރު ވެސް އެއްވެ ތިބި ކަމަށެވެ.
ރައްޔިތުން ނުކުމެ ބަންދުކޮށްފައިވަނީ ކައުންސިލު އިދާރާއާއި ހެލްތް ސެންޓަރާއި ކޯޓާއި ޕްރީ ސުކޫލައި ރަށު ސުކޫލު ހިމެނެއެވެ. ރައްޔިތުން ނުކުމެ އަޑުގަދަ ކުރަމުން ގެންދަނީ އެރަށުގެ އެއްވެސް ކަމަކަށް އެއްވެސް ސަރުކާރަކުން އަޅާނުލާތީ އެކަމާއި ކަންބޮޑުވުމުގެ ގޮތުންނެވެ.
"ރައްޔިތުން ނުކުމެ ޑިމާންޑް ކުރަމުންދަނީ އެއާރޕޯޓުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް. އެއާރޕޯޓާއި މިރަށުގެ ހުރިހާ ކަމެއް މިއޮތީ ގުޅިފައި. އެއީ ބަނދަރު ހަދަން ޖެހުނަސް އެހެން ކަމެއް ކުރަން ޖެހުނަސް އެއާރޕޯޓާއި މިގުޅުވަނީ" އަންވަރު ވިދާޅުވިއެވެ.
އަންވަރު ވިދާޅުވީ އެތަންތަން ދެން ހުޅުވާނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ރައްޔިތުން އެދެމުންދާ ކަންތައްތަކަށް ޖަވާބެއް ލިބުމުން ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ