ޔާމިންގެ ސިޔާސަތު ތަކަށް އުމަރު ފާޑު ވިދާޅުވެއްޖެ

ޕީޕީއެމްގެ ޓިކެޓުގައި ރިއާސީ އިންތިހާބަށް ނިކުންނަ ދެވަނަ ކެނޑިޑޭޓް އަބްދުﷲ ޔާމިންގެ ސިޔާސަތު ތަކަށް ޕީޕީއެމްގެ ޓިކެޓުގައި ރިއާސީ އިންތިހާބަށް ނިކުންނަ އަނެއް ކެނޑިޑޭޓް ކަމަށްވާ އުމަރު ނަސީރު ފާޑު ވިދާޅުވެއްޖެއެވެ.
ރިއާސީ އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން އުމަރަށް ތާއީދުކުރާ ޓީމުން އާޓީފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން އުމަރު ނަސީރު ވިދާޅުވީ ރާއްޖެއިން ތެޔޮނެގުމަކީ ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އެހެން ކަމުން ޔާމިންގެ މި ސިޔާސަތަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ ތެޔޮ ނެގުމަށް ތޮރުފާ ލޯވަޅުގައި އެކްސިޑެން އެއް ހިނގާ އެތަނުން ތެޔޮ ލީކުވެއްޖެނަމަ އޭގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމް އަށާއި ވިޔަފާރިތަކަށާއި ރާއްޖޭގެ މަސްވެރިކަމަށް ބުރުއަރާނެ ކަމަށެވެ. އެހެން ކަމާއިއެކު މި ސިޔާސަތަކީ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަށް އެހާ އެކަށީގެންވާ ސިޔާސަތެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ އާބާދީ ކުޑަ ކުޑަ އާބާދީތަކަކަށް ބެހިފައިވުން ކަމަށެވެ. އަދި އޭގެ ސަބަބުން ދިމާވާ މައްސަލަ ހައްލުކުރުމަށް އެއްފަސް ކުރުމަކީ، ނުވަތަ ކުދި އާބާދީ ހިމެނޭ ރައްތަކުގެ މީހުން ބިން ބޮޑު ވަސީލަތްތަށް ލިބިފައިވާ ރަށްތަކަށް ބަދަލު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
ތަރައްގީ ހާސިލް ކުރަން ބޭނުންނަމަ ރާއްޖޭގައި އަމަން އަމާން ކަން ގާއިމް ކުރަން ކޮންމެހެން ޖެހޭނެ ކަމަށް ވިދާޅުވަމުން އުމަރު ވިދާޅުވީ ވޭތެވިދިޔަ ދުވަސްތަކުގެ ތެރޭގައި ގޭންގުތަކުން މަރާފައިވާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި މި އަދަދު މަތިވާނަމަ ރާއްޖެއަކަށް ތަރައްގީއެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ. އިގްތިސާދު ކުރިއަރުވަން އުޅުނަސް އެކަން ނުވާނެކަމަށާއި، ފޮރިން އިންވެސްޓަރުން ނާންނާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެހެން ކަމާއި އެކު މީހުން މަރާ މީހުންނަށް އެކަމުގެ ހައްގު ހުކުމް ތަންފީޒް ކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ކޮންމެ ކެނޑިޑޭޓަކު އިންތިހާބް ކާމިޔާބު ކުރިޔަސް ޕީޕީއެމް ވާންޖެހޭނީ ދިވެހި ރާއްޖޭގެ ތަސައްވަރު ކުރަހާ ޕާޓީ އަށް ކަމަށް ވިދާޅުވަމުން އުމަރު ވިދާޅުވީ ޕީޕީއެމް ވާން ޖެހޭނީ މޮޅެތި ވައުދުތަށްވެ އެ ވައުދުތަށް ފުއްދައިދޭނެ ޕާޓީއަކަށް ކަމަށެވެ. އަދި ޕީޕީއެމްގެ ކެނޑިޑޭޓަކު އިންތިހާބަށް ނިކުންނަށް ވާނީ 2040 ވަނަ އަހަރާއި ހަމައަށް ތަސައްވަރެއް ކުރަހައިގެން ކަމަށް ވިދާޅުވަމުން އުމަރު ވިދާޅުވީ އޭގެ ސަބަބުން ދާންވީ ކޮންތަނަކަށް ކަމާއި ދާންވީ މަގު އެނގިގެން ދާނީ އޭރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ