ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި
ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލަން މީގެ ކުރިންވެސް ހައި ކޯޓުން އަމުރު ނެރެފައި ވެއެވެ. އެހެން ނަމަވެސް އޭރު ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ޣައިރު ގާނޫނީ ބެންޗަކުން ކަމަށް ކަނޑައަޅައި އެ ބެންޗުން ނެރެފައިވާ އެންމެހައި އަމުރުތަކާއި ނިންމުންތައް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާއެކު ކުރީގެ އެ އަމުރުވެސް ބާތިލްވި އެވެ. ހައި ކޯޓުން މިއަދު ނެރެނު އަމުރުގައި ވަނީ މައްސަލާގައި އެ ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ މަޝްރޫއާ ގުޅޭ އިތުރު ކަންތައްތަކެއް ކުރުމަކީ އެ މައްސަލަ ނިމޭގޮތަކުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އެއްބަސްވެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި އެ ކޯޓުން ހުކުމެއް ކުރަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން އެ މަޝްރޫއުއާ ގުޅޭ އެއްވެސް ކަމެއް ނުކުރުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައި ވެއެވެ. ހައި ކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އިމިގްރޭޝަންގެ މައްޗަށް ދައުވާކުރާ މައްސަލާގަ އެވެ. އޭސީސީން ދައުވާކުރަނީ ބޯޑާ ކޮންޓްރޯލް މަޝްރޫއު ހުއްޓާލުމަށް އެ ކޮމިޝަނުން އިމިގްރޭޝަނަށް އެންގުމުން އެއަށް އިމިގްރޭޝަނުން އަމަލުކޮށްފައި ނުވާތީ އެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކޮށްފައިވަނީ އެގޮތަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެންނުވާ ކަމަށެވެ. އެ މައްސަލާގެ އަޑުއެހުން ހައި ކޯޓުގައި މިއަދު ވަނީ އަލުން ފަށައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި ފުރަތަމަވެސް އޮތީ ވަގުތީ އަމުރާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. ވަގުތީ އަމުރަށް އެދެމުން އޭސީސީގެ ވަކީލް މުހައްމަދު ސޯދިގު ވިދާޅުވީ މެލޭޝިއާގެ ކުންފުނި ނެކްސްބިޒުން ދަނީ މިހާރުވެސް މަސައްކަތްތައް ހިންގަމުން ކަމަށާއި އެ މަޝްރޫއުގެ 95 ޕަސެންޓް މިހާރުވެސް ނިމިފައިވާ ކަމަށް ޚަބަރު ލިބޭ ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތް ނިމިއްޖެނަމަ ސުޕްރީމް ކޯޓަށް ދިއުމުގެ ހައްގު އޭސީސީއަށް ގެއްލޭނެ ކަމަށާއި އަދި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވަގުތީ އަމުރަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް އިމިގްރޭޝަނަށް އަންގާ ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ސިޓީގެ ކޮޕީވެސް ދައުލަތުން ޝަރީއަތަށް ހުށަހެޅި އެވެ. ޝުނާނާ ވިދާޅުވީ ދައުލަތުގެ ސްޓޭންޑަކީ އެ މައްސަލަ ކޯޓުގައި ކުރިއަށް ދާތީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުން ކަމަށެވެ. އެހެންކަމުން ވަގުތީ އަމުރާމެދު ޝަރީއަތުން ގޮތެއް ނިންމައިދިނުމަށް ދައުލަތުން އެދުނެވެ. ބޯޑާ ކޮންޓްރޯލް މަޝްރޫއު ހަވާލުކޮށްފައިވާ ނެކްސްބިޒުން ވެސް ވަނީ މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފަ (ވަދެފަ) އެވެ. ވަގުތީ އަމުރާމެދު ނެކްސްބިޒްގެ ވަކީލް އިސްމާއިލް ވިޝާމް ވިދާޅުވީ އެ ކުންފުނިން އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ ހައި ކޯޓުގެ ކުރީގެ ބެންޗުގެ އެންމެހައި ނިންމުންތައް ސުޕްރީމް ކޯޓުން ބާތިލްކުރުމުން ކަމަށެވެ. އަދި އެކަމުގައި ގާނޫނާއި ހިލާފަށް އެ ކުންފުނިން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު ހުރި އިމިގްރޭޝަންއާ ގުޅޭ ހުރިހާ ސިސްޓަމްތަކަކީ އެ ކުންފުނީގެ ތަކެތި ކަމަށެވެ. އަދި އޭނާއަށް ލިބިފައިވާ މައުލޫމާތު ކުށް ނޫން ކަމުގައިވަނީ ނަމަ އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް އަމުރުކޮށްފިނަމަ މުޅި އެއާޕޯޓް ޝަޓްޑައުން ކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ދައުވާ އިއްވުމަށް އޭސީސީއަށް ފުރުސަތު ދެއްވުމުން ދައުވާ އިއްވަމުން ދަނިކޮށް ފަނޑިޔާރުންގެ ބެންޗުންވަނީ އޭސީސީގެ ވާހަކަތައް ހުއްޓުވައި ދެން އޮންނަ އަޑުއެހުމެއްގައި ދައުވާގެ ބާކީ ބައި އިއްވުމަށް ފުރުސަތު ދެއްވާނެކަން އިއުލާން ކުރައްވާފަ އެވެ. އަދި އެއަށްފަހު ވަނީ މިއަދުގެ އަޑުއެހުން ނިންމާލާފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އަލުން ފެށި އިރު ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވެ އެވެ. ކުރިން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޔޫސުފް ހުސައިނާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މިހާރު އައިސްފައިވާ ހަމައެކަނި ބަދަލަކީ އަބްދުﷲ ހަމީދުގެ ބަދަލުގައި އިސް ފަނޑިޔާރު އަހުމަދު ޝަރީފް ހުންނެވުމެވެ. އޭރުވެސް މިހާރުވެސް ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަޒްމިރަލްދާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ