ގަވާއިދުގައި ބުނާ 30 ދުވަސް ހަމަވަންދެން ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ސްޕްރީމް ކޯޓުން އަންގައިފި

ގަވާއިދުގައި ބުނާ 30 ދުވަސް ހަމަވަންދެން ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ސްޕްރީމް ކޯޓުން އަންގައިފި އެވެ.
ސްޕްރީމް ކޯޓުން މިގޮތަށް އަންގާފައިވަނީ، މިމަހުގެ ތިންވަނަ ދުވަހު އެކޯޓުން ނެރެ އާއްމުކޮށްފައިވާ ވަކީލުންގެ ގަވާއިދާ ގުޅިގެން، ރަޖިސްޓްރީ ނުކޮށް ވަކާލާތު ނުކުރެވޭނެ ކަމަށް ބުނެ ބައެއް ކޯޓުތަކުން ގާނޫނީ ވަކީލުން ހިފަހައްޓަމުންދާތީއެވެ.
ސްޕްރީމް ކޯޓުން އާއްމުކޮށްފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، ގަނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތުމުގެ އިތުރުން، ކޮންމެ ވަކީލަކަށް ވެސް ވަކާލާތު ކުރެވޭނީ އެކޯޓެއްގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްފަހުއެވެ. އަދި މިގަވާއިދާ އެއްކޮށް ސްޕްރީމް ކޯޓުން ނެރެފައިވާ ގަރާރެއްގައި ތިރީސް ދުވަހުގެ ތެރޭގައި ސޮއިކުރަން ޖެހޭ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ސްޕްރީމް ކޯޓުން ރާއްޖޭގެ ކޯޓުތަކަށް މިއަދު ފޮނުވާފައިވާ ލިއުމެއްގައި ބުނެފައިވަނީ ގަވާއިދުގައި ގާނޫނި ވަކީލުން ރަޖިސްޓްރީ ކުރުމަށް ދީފައިވޗާ 30 ދުވަހުގެ މުއްދަތު ހަމަވަންދެން ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށެވެ.
ނަމަވެސް އޭގެ ފަހުން ވަކާލާތު ކުރެވޭނީ ރަޖިސްޓްރީ ކުރުމަށްފަހު ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ ސްޕޯކްސްޕާސަން ސީއެންއެމަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މިމަހުގެ ތިންވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެފައިވާ ވަކީލުންގެ ގަވާއިދާ މެދު ވަރަށް ގިނަ އަދަދެއްގެ ވަކީލުން ތިބީ ހިތްހަމަނުޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ