މަސްތުވާތަކެތީގައި މައްސަލައެއްގައި ކުޑަކުއްޖެއްގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލުހުކުމެއް ހައި ކޯޓުން ބާތިލް ކޮށްފިއެވެ.
ޖުވެނައިލް ކޯޓުން އެ ކުއްޖާގެ މައްޗަށް 2011 ވަނަ އަހަރު ހުކުމް ކުރީ އިތުރު ކުދިންތަކަކާއި އެކު އެ ކުއްޖާ ރެސްޓޯރެންޓެއްގައި ހުއްޓާ ފުލުހުން ޗެކް ކުރަން ދިއުމުން މަސްތުވާތަކެތި އަޅާފައި ދިޔަ ކަރުދާސްގަނޑެއްގައި ފައިން ޖެހުމަށް ފަހު ދުއްވާގަތް މައްސަލާގައެވެ. އެގޮތުން އެ ކުއްޖާގެ މައްޗަށް އެ މައްސަލާގައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިހުގެ މުއާމަލާތް ކުރި ކަމުގެ ކުށް ސާބިތުވިކަމަށް ކަނޑައަޅައި 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމުގައި އެ ކުއްޖާ 10 އަހަރަށް ޖަލަށް ލުމާއި އެކު 16،666ރ. އިން ޖޫރިމަނާވެސް ކޮށްފައި ވެއެވެ. ހައިކޯޓުން ޖުވެނައިލް ކޯޓުގެ ހުކުމް ބާތިލް ކުރީ އެ ކުއްޖާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން ޖުވެނައިލް ކޯޓުގެ ހުކުމް ބާތިލް ކޮށް އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ގާނޫނީ ހަމައިން ބަލާއިރު ހެކިބަސް ދިނުން މާނަ ކުރެވޭނީ އެ މީހެއްގެ ފަސް ހިއްސުން ކުރެ ހިއްސަކަށް ކަމެއް އެނގިފައިވާ ކަމުގައި ވާނަމަ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހެކިބަސްދިން ފުލުސް މީހާ ހެކިބަހުގައި ބުނެފައިވަނީ އެތާ ތިބި ކުދިން އޭނާގެ ކައިރީގައި އެހެން ބުނި ކަމަށެވެ.
އަދި ހެކިވެރިޔާ ކައިރީގައި މީހަކު ބުނި ބަހެއް ހެތްކެއްގެ ގޮތުގައި ސައްހަ ކުރެވޭނީ ހާއްސަ ހާލަތެއްގައި ކަމަށްވެސް ހައިކޯޓުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އަކީ އެފަދަ ހާއްސަ ހާލަތެއް ކަން ދައުލަތައް ޝަރީއަތުގެ މަރުހަލާގައި ދެއްކިފައި ނުވާ ކަމަށްވެސް ކޯޓު ހުކުމުގައި ބުނެފައިވެއެވެ.
10 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ