އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު ނޭޅުމަށް ވަގުތީ އަމުރެއް ނެރެފި
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި އޭނާއާމެދު ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި އޮތް ނަމަވެސް އޭނާއާ މެދު ފިޔަވަޅު ނޭޅުމަށް އަންގައި ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ. ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ނިހާޔަތު މިއަދު ނެރުއްވި އަމުރުގައި ބުނެފައި ވަނީ އަބްދުﷲ މުހައްމަދުގެ ދައުވާއަށް ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލައިގައި ފިޔަވަޅު އެޅުމުގެ ފުރުސަތު އެއް ފަރާތަށް އޮތުމަކީ އަދުލުވެރިކަމާ ގާތް ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ ،16 ،19 ،20 ،27 ،42 ،43 ،59 ،61 65 އަދި 69 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނަށް ރިއާޔަތް ކުރުމަށްފަހު އަބްދުﷲ މުހައްމަދުގެ ދައުވާގައި ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރު ކުރީ ކަމަށް އެ އަމުރުގައިވެ އެވެ. "[އަބްދުﷲ މުހައްމަދުގެ މައްސަލައިގައި] ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކި ގޮތަކަށް ކަނޑައަޅަންދެން، ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުރި ރ. ހުޅުދުއްފާރު، ބަހާރުގޭ، އަބްދުﷲ މުހައްމަދާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ ނުވަތަ ބަލާނިމިފައިވާ އެ ކޮމިޝަނުގެ ނަންބަރު [ކޭސް ނަންބަރު] މައްސަލައިގައި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފިން،" އެ އަމުރުގައިވެ އެވެ. އެ މައްސަލައިގައި އަބްދުﷲ މުހައްމަދު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ ދައުވާގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައިވާ ސުލޫކީ މައްސަލައަކީ އޭނާގެ މައްޗަށް ސާބިތުވާނެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ މައްސަލައިގައި ހިނގާފައިވާ އިޖުރާއަތުތައް ބާތިލްކޮށް އަބްދުﷲ މުހައްމަދުގެ މައްޗަށް ފިޔަވަޅު ނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ދައުވާގައި ބުނެފައިވެ އެވެ. އަބްދުﷲ މުހައްމަދަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމާފައި ވަނީ ދިޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާސީ ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ