ބޭރު ސިފައިން ގެނައުމަށް ގޮވާލާ މީހަކީ ޣައްދާރެއް: މައުމޫން

ރާއްޖެއަށް ބޭރުގެ އަސްކަރިއްޔާއެއް އައުމަށް ގޮވާލާ ކޮންމެ ދިވެއްސަކީ ޣައްދާރެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މީގެ އިރުކޮޅެއް ކުރިން ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
https://twitter.com/maumoonagayoom/status/384601176236236800
ރާއްޖެއަށް ބޭރުގެ އަސްކަރިއްޔާއެއް އައުމަށް ގޮވާލާ ކޮންމެ ދިވެއްސަކީ ގައްދާރެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައި މިވަނީ އިންޑިއާ އިން ރާއްޖެ އަށް "އާރުޓޫޕީ" ހިންގަން ކޮމަންވެލްތުން އިންޑިޔާގެ ކިބައިން އެދުމަށާއި، ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ގޮވާލާ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ޓްވީޓްތަކެއް ކުރައްވާ އެ ޓްވީޓްތައް މީޑިއާގެ ސަމާލުމަކަށް އައިސްފައިވާ ވަގުތެއްގަ އެވެ.
ރެސްޕޮންސިބިލިޓީ ޓް ޕްރޮޓެކްޓް (އާރްޓޫޕީ) އަކީ 2005 ވަނަ އަހަރު އދ. އިން ފާސްކޮށް އަމަލުކުރަމުންދާ އުސޫލެކެވެ. ގައުމަކުން އެގައުމެއްގެ ކަންކަން ހައްލުކުރަން ނުކުޅެދިއްޖެނަމަ އެހެން ގައުމުތަކުގެ އަސްކަރިއްޔާ ބޭނުންކޮށްގެން މިއުސޫލުގެ ތެރެއިން ތަފާތު ފިޔަވަޅުތައް އދ. އިން އަޅަމުންގެންދެ އެވެ. ނަމަވެސް އާރްޓޫޕީ ހިންގަނީ އިންސާނިއްޔަތާ ހިލާފް ބޮޑެތި ޖަރީމާތައް ހިންގާ ގައުމުތަކުގަ އެވެ.
އދ. އިން އިރާނަށް ކަނޑައަޅުއްވާފައި ހުންނަވާ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާގެ މަގާމުގައިވެސް ހުންނެވި ޑރ. ޝަހީދާ ހަވާލާދީ މިއަދު ދުވަހު ނޫސް ހަވީރުގައި ބުނެފައިވަނީ އާރްޓޫޕީ ހިންގުމަށް އޭނާ ގޮވާލެއްވި ގޮވާލުމުގެ މާނައަކީ އިންޑިއާ ސިފައިން މިތަނަށް އައުން ނޫން ކަމަށާއި އޭނާގެ ގޮވާލުމުގެ މަގުސަދަކީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ