އަލިދު އާއި ކުޑަރަށުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާޒް އިން ހިންގާ ހއ. އަލިދު އާއި ކުޑަރަށުގެ އެއްބަސްވުން ފައިސާ ނުދެއްކުމުން ބާތިލްކޮށްފައި ވަނިކޮށް އެ އެއްބަސްވުން އަލުން ރުޖޫއަކޮށް ކޯޓުން ބޭރުގައި ސަރުކާރާއި އެ ކުންފުނިން މައްސަލަ ހައްލުކޮށްފި އެވެ. މެއި މަހުގެ ތެރޭގައި އެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ކެންސަލްކުރުމުން އެކަން ނުކުރެވޭނެ ކަމަށް ބުނެ ބަދަލުގެ ގޮތުގައި 30 މިލިއަން ޑޮލަރު ހޯދަން ޔޮޓް ޓްއާޒް އިން ވަނީ ސިވިލް ކޯޓުގައި މިނިސްޓްރީގެ މައްޗަށް ދައުވާކޮށްފަ އެވެ. ޔޮޓް ޓްއާޒްގެ ގާނޫނީ ވަކީލު އިޝްރާޤު ތައުފީގް މިއަދު "ހަވީރަ"ށް ވިދާޅުވީ އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް މިދިޔަ އަންގާރަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މީރާ އިން އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލަތައް ނެގުމާއި އެއްބަސްވުން ބާތިލްކުރަން ފޮނުވި ސިޓީ އާއި އެހެން ވެސް ނޯޓިސްތައް ބާތިލްކުރަން ޖެހެ އެވެ. ސަރުކާރުން އެގޮތަށް ކަންތައް ކުރުމުން ޔޮޓް ޓްއާޒްގެ މައްސަލަ އަނބުރާ ގެންދަން އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ. އިޝްރާޤު ވިދާޅުވީ ޔޮޓް ޓްއާޒް އިން ނުދައްކާ ހުރި ކުއްޔާއި ޖޫރިމަނާ ދެއްކުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު މި އަހަރުގެ ޖެނުއަރީ މަހު ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާނެ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ނުދައްކާ ހުރި ކުލި ތިން އަހަރަށް ބަހާލައިގެން ދައްކަން ޖެހެ އެވެ. އަދި ޖޫރިމަނާ ދައްކަން ޖެހެނީ 10 އަހަރަށް ބަހާލައިގެންނެވެ. މީގެ ކުރިން ވެސް އެ ފައިސާ ދެއްކުމަށް ޔޮޓް ޓްއާޒްއާ އެކު އެކި ފަހަރުމަތިން ސަރުކާރުން އެއްބަސްވެފައިވެ އެވެ. ޔޮޓް ޓްއާޒް އިން ދައުލަތަށް ހަތް މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ