ކޯނީ ރިޕޯޓް ޑެންމާކްގެ ގާނޫނީ ޓީމާ ހަވާލެއް ނުކުރާނަން: އަލީ ވަހީދު

ކޯނީގެ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ޑެންމާކުގެ ގާނޫނީ މާހިރުންގެ ޓީމާ ހަވާލުނުކުރައްވާނެ ކަމަށް، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓް ދިރާސާކުރަން އެ ކޮމިޓީން ހޮވާފައިވާ ޑެންމާކުގެ ގާނޫނީ ޓީމާ ކޯނީގެ ރިޕޯޓްގެ މަސައްކަތް ހަވާލުނުކުރަން އޭނާ ނިންމެވީ އެ ޓީމަކީ ފެބްރުއަރީ 7 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާބެހޭ ގޮތުން ދިރާސާކޮށް، ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް އެ ޓީމުން ކުރިން ނިންމާފައިވާތީ ކަމަށެވެ. "އެކަން އަޅުގަނޑުމެންނަށް އެނގުނީ އަމިއްލަ ފަރާތަކުން އެ ޝަކުވާ ހުށަހަޅައިގެން އެކަން ބެލުމުން. އެހެންވެ މި މަސައްކަތް އަޅުގަނޑުމެން އެ މީހުންނާ ހަވާލެއް ނުކުރާނަން. އަދި އެކަން ކޮމިޓީ އަށް ވެސް ހުށަހަޅާނަން،" އަލީ ވަހީދު ވިދާޅުވި އެވެ. ކޯނީގެ ރިޕޯޓް ދިރާސާކުރުމަށްޓަކައި ބޭރުގެ ގާނޫނީ މާހިރަކު ހޯދަން ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ދެ ފަރާތުގެ ތެރެއިން ކޮމިޓީން ހޮވާފައިވަނީ ޑެންމާކުގެ ކޯޕަންހޭގަން ޔުނިވާސިޓީގެ ގާނޫނީ ތަޖުރިބާކާރެއް ކަމުގައިވާ އެންޑާސް ހެންރިކްސަނާއި އޭނާއާ އެކު މަސައްކަތްކުރާ ދެ މާހިރުންނެވެ. އެ ޓީމުން ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދުވީ ބަޣާވާތަކުން ކަމަށް ބުނެ، "އެރެސްޓެޑް ޑިމޮކްރަސީ"ގެ ނަމުގައި މިދިޔަ އަހަރުގެ ޖުލައިގައި ރިޕޯޓެއް ނެރެފައިވެ އެވެ. ކޯނީގެ ރިޕޯޓް ދިރާސާކުރަން އެ ޓީމް ހޮވި ނަމަވެސް އެ ޓީމާއެކު އެއްވެސް މުއާމަލާތެއް ކުރެވިފައި ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ޓީމުގެ މަސައްކަތަށް ދޭނެ ފައިސާ ބަޖެޓުގައި ނެތް ކަމަށް މަޖިލީހުގެ އިދާރާއިން ކޮމިޓީ އަށް ވެސް އަންގާފައިވެ އެވެ. އެންޑާސް ހެންރިކްސަން މަޖިލީހަށް ހުށަހެޅި އޭނާގެ ވަނަވަރު ކަމަށް ބުނެ، މަޖިލީހުގެ ކޮމިޓީން ހަވީރާ ހިއްސާކުރި ލިޔުމުގައި، ހެންރިކްސަން ކޮށްފައިވާ މަސައްކަތުގެ ތެރޭގައި، ފެބްރުއަރީ 7ގައި ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އޭނާ އާއި އޭނާގެ ޓީމުން ތައްޔާރުކުރި ރިޕޯޓުގެ ވާހަކަ ހިމަނާފައެއް ނުވެ އެވެ. އަދި އޭނާގެ އުފަން ދުވަސް ކަމަށް ޖަހާފައިވަނީ ވެސް 20 އޭޕްރީލް 2075 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ