"ހަވީރު" ވޯލްޑް ކަޕް ގައިޑް މިއަދު ހަވީރު ނެރެނީ

އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް "ހަވީރު"ން ތައްޔާރުކުރި ވޯލްޑް ކަޕް ގައިޑް މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ. ޖޫން 12 އިން ޖުލައި 13 އަށް ބްރެޒިލުގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތާ ގުޅޭ ގޮތުން ކިޔުންތެރިންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހިމަނާފައިވާ 208 ސަފުހާގެ ކުލަ މި ފޮތް ވިއްކަނީ 95ރ. އެވެ. ވޯލްޑް ކަޕުގައި ވާދަކުރާ 32 ޓީމާ ބެހޭ މައުލޫމާތާއި މުބާރާތުގައި ކުޅޭ މަޝްހޫރު ކުޅުންތެރިންނާއި އަރަމުން އަންނަ ޒުވާން ތަރިންގެ އިތުރުން ކުރީގެ މަޝްހޫރު ކުޅުންތެރިންގެ ޕްރޮފައިލާއި ވޯލްޑް ކަޕް ސްޓޭޑިއަމްތަކާ ބެހޭ މައުލޫމާތު މި ފޮތުގައި ހިމެނޭނެ އެވެ. އަދި މަޝްހޫރު ކުޅުންތެރިންގެ އަމިއްލަ ދިރިއުޅުމާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް ވެސް ހިމަނާފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް އާއި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި މުހައްމަދު އުމޭރުގެ ޑްރީމް ޓީމު ވެސް ފޮތުގައިވެ އެވެ. ކޮންމެ ފޮތަކާ އެކު އޭޓޫ ސައިޒުގެ ސްކޯޗާޓެއް ހިލޭ ލިބޭނެ އެވެ. އަދި ވަކިން ވިއްކުމަށް ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ނޭމާގެ ޕޯސްޓަރު ވަނީ ތައްޔާރުކޮށްފަ އެވެ. ޕޯސްޓަރެއްގެ އަގަކީ 5ރ. އެވެ. "މިއީ ރާއްޖޭގައި މިހާތަނަށް ނެރޭ އެންމެ ފުރިހަމަ ވޯލްޑް ކަޕް ގައިޑަށް ވާނެ. ކިޔުންތެރިންނަށް ބޭނުންވާ ހުރިހާ މައުލުމާތެއް ވަރަށް ފުރިހަމަ އަށް މި ފޮތުގައި ހިމަނާފައިވާނެ. މިއީ ލޭއައުޓް ވެސް މުޅިން ތަފާތު ފޮތެއް،" ހަވީރު މާކެޓިންގެ އިސް އޮފިޝަލަކު ފޮތާ ބެހޭ ގޮތުން ވިދާޅުވި އެވެ. ފޮތް ރަސްމީކޮށް ނެރުމާ އެކު ބައެއް ބުކްޝޮޕްތަކުން ވެސް ލިބެން ހުންނާނެ އެވެ. ހަވީރު ވޯލްޑް ކަޕް ފޮތް ނެރެން ކުރިން އޮތީ މިދިއަ ބުރާސްފަތިދުވަހު އެވެ. އެކަމަކު ބޭރުން ފޮތްތައް ޗާޕްކޮށްގެން ގެނައި ބޯޓު ރާއްޖެ އައުން ލަސްވުމުން ފަސްކުރަން ޖެހުނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ