މައުމޫން ފައުންޑޭޝަނުން ހަތަރު ސްކޯލާޝިޕެއް އެވޯޑްކޮށްފި

މައުމޫނު ފައުންޑޭޝަނުން މަތީތައުލީމަށް ހުޅުވައިލި ފުރަތަމަ ފުރުސަތުގައި ހަތަރު ސްކޯލާޝިޕަށް ހޮވުނު ދަރިވަރުންނާ ސްކޮލަޝިޕް ހަވާލުކުރައްވައިފި އެވެ،މިކަމަށްޓައި، ޝީ ބިލްޑީންގައި މިރޭ އޮތް ރަސްމިއްޔާތުގައި ސްކޮލަޝިޕަށް ހޮވުނު ހަތަރު ކުދިންނަށް ސްކޮލަޝިޕް ހަވާލުކޮށްދެއްވީ، މައުމޫނު ފައުންޑޭޝަންގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމެވެ.ސަކޯލަޝިޕް ހަވާލު ކުރެއްވުމަށް ފަހު ދެއްކެވި ވަހާކަ ފުޅުގައި، ރައީސް މައުމޫނު ވިދާޅުވީ،މައުމޫނު ފައުންޑޭޝަނަކީ، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައި، އިޖުތިމާއީ ދާއިރާގައި ހިލޭ ސާބަހަށް މަސައަކަތް ކުރާ ފައުންޑޭޝަނެއްކަމަށެވެ. އަދި ފައުންޑޭޝަނުން އިސްކަންދޭ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއަކީ ތައުލީމީ ދާއިރާ ކަމަށާއި ދިވެހި ޒުވާނުންނަށް ތައުލީމު ހާސިލް ކުރުމަށް ލިބޭ ފުރުސަތުތައް ފުޅާކޮށްދިނުމުގެ އިތުރުން، ސިއްހީ ދާއިރާގެ ކަންތައްތައް ވެސް ފައުންޑޭޝަންގެ ގާބިލިއްޔަތު ހުރިވަރަކުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުން ފައުންޑޭޝަންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށެވެ. އަދި މިރޭ ފައުންޑޭޝަންގެ ދެ މަގުސަދު ހާސިލް ކުރުމަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އޭގެ ތެރޭގައި، ތައުލީމީ ގޮތުން ދިވެހި ޒުވާނުންނަށް ލިބޭ ފުރުސަތު ފުޅާކޮށް ދިނުމުގެ ގޮތުން ހަތަރު ކުދިންނަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ފައުންޑޭޝަނުން ހޯދައި ދެވިއްޖެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ކަންދިމާވި ގޮތުން ސްކޯލާޝިޕަށް ހޮވުނު ހަތަރު ކުދިން ވެސް މަސައްކަތްކުރަން ގަސްތުކުރަކީ ސިއްހީ ދާއިރާއަށް ކަމުން ރާއްޖޭގެ ތައުލީމާއި ސިއްހަތު، މި ދެ ދާއިރާ އަށް މި މަސައްކަތުގެ ސަބަބުން ކޮންމެވެސް ކަހަލަ އެދެވޭ ކުރިއެރުމެއް ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ރައީސް މައުމޫނު އަދި ވިދާޅުވީ، މި ސްކޮލަޝިޕްތަކަކީ ކިޔެވުމުގެ ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް ހަރަދުގެ ބޮޑުބައި އިންޑިޔާގެ ގާޑަން ސިޓީ ކޮލެޖުން ދޭގޮތަށް ހަމަޖެހިފައިވާ ސްކޮލަޝިޕްތަކެއްކަމަށެވެ. ނަމަވެސް ހަމަޖައްސައިދެއްވަން ދަތި ބައެއް ހަރަދުތައް ފައުންޑޭޝަންގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި، ދެކޮޅު ޓީކެޓްގެ ހަރަދާއި ކޮންމެ ކުއްޖަކަށް މަހަކު ދޭންޖެހޭ 150 ޑޮލަރުގެ އިތުރުން ރަޖިސްޓްރޭޝަންފީ، ހިމެނޭ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި އެ ހަރަދުތަކަކީ، ފައުންޑޭޝަނަށް ހެޔޮއެދޭ ފަރާތްތަކުން ކުރުމަށް ހަމަޖެހިފައިވާ ހަރަދުތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ހިމެނޭ ޕެނަލްއަކުން މި ފައުންޑޭޝަންގެ ކޯސްތަކަށް ކުރިމަތިލި ކުދިންގެ މެދުގައި އިންޓަވިއުކޮށްގެން ސްކޮލަޝިޕަށް ހޮވުނު ހަތަރު ކުދިންގެ ތެރެއިން، ބެޗުލާ އިން ފިޒިއޮ ތެރަޕީއަށް ހޮވިފައި ވަނީ، ސ. ހިތަދޫ ވެސްޓް ތޯރިގު މަޖީދާއި ޏ.ފޯއްމުލަކު ލީބިޔާގެ މަންހަލް މުހައްމަދެވެ. ބެޗުލާ އިން ނާސިންގ ދާއިރާ އިން ހުޅުވާލާފައިވާ ފުރުސަތަށް ހޮވިފައި ވަނީ، ޅ. ހިންނަވަރު މީނާޒު އައިމިނަތު އަޒުމާ އާއި މ. މަޑުއްވަރީ ގުޑްލަކް އަސްމާ އިދުރީސް އެވެ. މި ހަތަރު ކުދިން ވެސް ސްކޮލަޝިޕް ފުރިހަމަ ކުރާނީ އިންޑިޔާގެ ބެންގަލޯރުގެ ގާޑަން ސިޓީ ކޮލެޖުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ