ކަލާމް އަވަހާރަވުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ބޮޑު ގެއްލުމެއް: މައުމޫނު

އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ ޢަބުދުލް ކަލާމް އަވަހާރަވުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ. ކަލާމްއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން ހުޅުވި ދަފްތަރުގައި ރައީސް މައުމޫނު އިއްޔެ ލިޔުއްވާފައި ވަނީ، ކަލާމް ގެ ހިކުމަތްތެރިކަމުން ރައީސް މައުމޫނަށް މަންފާ ލިބިވަޑައިގެންނެވި ކަމަށެވެ. "...އެމަނިކުފާނުގެ ހިކުމަތްތެރިކަމުން އަޅުގަނޑަށް ފައިދާކުރިއެވެ. އޭނާ އަވަހާރަވުމަކީ އިންޑިއާއަށާއި މުޅި އިންސާނިއްޔަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އަޅުގަނޑުގެ އިޚުލާސްތެރި ތައުޒިޔާ އޭނާގެ އާއިއަށާއި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުވަމެވެ،" ދަފްތަރުގައި މައުމޫނު ލިއުއްވާފައި ވެއެވެ. ކަލާމް އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ. އިންޑިއާގެ ޓެމިލްނާޑޫގެ ރާމޭސްވަރަމް ނަމަކަށް ކިޔާ ރަށެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަލާމް ކިޔަވައިވިދާޅުވީ ފިޒިކްސްއާއި އެރޯސްޕޭސް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ސައިންޓިސްޓެއް އަދި ސައިންސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަންގަ އެވެ. އޭނާ ކުރިއަށް ގެންދެވި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ މަދަނީ ޖައްވީ ޕްރޮގްރާމްތަކާއި މިސައިލާއި މިސައިލް އުދުއްސާ އާލާތްތަކުގެ މަޝްރޫއުތައް ހިމެނެ އެވެ. އެ މަސައްކަތްތަކުގެ ސަބުން "މިސައިލް މޭން"ގެ ނަމުގައި އޭނާ އިންޑިއާގައި މަޝްހޫރުވި އެވެ. އިންޑިއާ އިން 1998 ވަނަ އަހަރު އުފެއްދި، ނިއުކްލިއަ ވޯހެޑް އުފުލޭ ޕޮޚްރާން 2 ނަމަކަށް ކިޔާ މިސައިލް އީޖާދުކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ. ކަލާމް އިންޑިއާގެ ރައީސް ކަމަށް 2002 ވަނަ އަހަރު އައްޔަން ކުރީ އޭރު އެގައުމުގެ ވެރިކަން ކުރަމުން ދިޔަ ބީޖޭޕީއާއި އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ވެސް ތާއީދާއި އެކުގަ އެވެ. ރައީސް ކަމުގެ ފަސް އަހަރުގެ ދައުރު ނިންމެވުމަށް ފަހު އޭނާ ކުރައްވަމުން ގެންދެވީ ފޮތް ލިއުއްވުމާއި ތަގުރީރު ކުރެއްވުން ފަދަ އިލްމީ މަސައްކަތް ތަކެވެ. ޑރ. ކަލާމްގެ ޖަނާޒާ އިއްޔެ ވަނީ ރަސްމީ އިއްޒަތުގައި އޭނާގެ އުފަންރަށް ރާމޭޝްވަރަމްގައި ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ