މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީގެ ހިސާބު ދިމާ ނުވާ މައްސަލަތަކެއް އޭސީސީން ފެންމަތިކޮށްފި

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީ ]އެމްއީއެލް[ އިން އެ ކުންފުންޏަށް ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް ހަރަދުކޮށް، ހިސާބު ދިމާނުވުމުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަންސް ކޮމިޝަން ]އޭސީސީ[ އިން ފެންމަތިކޮށް އެކަން ރަނގަޅު ކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.
އޭސީސީ އިން މިއަދު ނެރުނު ތިން ސަފުހާގެ ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ 2010 ވަނަ އަހަރުގެ ހިސާބުތައް އޭސީސީ އިން ބެލި އިރު، އެއްވެސް ރެކޯޑެއް ނެތި 134،470 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކާފައިވާ ކަމަށާއި ރެކޯޑްތަކުން ފެންނަން ހުރި އަދަދުތަކާއި ބޭންކް އެކައުންޓްގައި ހުރި ފައިސާ ދިމާ ނުވާ ކަމަށެވެ.
"ކުންފުނީގެ ރެކޯޑްތަކުން 676،262.95 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައްކާ އިރު، ބޭންކް އެކައުންޓުން ހަރަދުތަކަށް 807،732.95 ރުފިޔާ ނަގާފައިވާ ކަމަށް ދައްކަ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އެސީސީ އިން ބުނީ އޮލިމްޕަސް ގޯތިތެރޭގައި އެމްއީއެލް އިން ހިންގާ ކެންޓީން ކުއްޔަށް ދީގެން ލިބޭ ފައިސާގެ ލިޔެކިޔުންތަކުގެ ރެކޯޑްތައް ރަނގަޅަށް ބަލަހައްޓާފައި ނުހުންނަ ކަމަށާއި ފައިސާ ބަލައިގެންފައި ރަސީދު ވެސް ދޫކޮށްފައި ނުހުންނަ ކަމަށެވެ.
އެމްއީސީއެލް އަށް ޖޮއިންޓްވެންޗާ ޕާޓްނަރެއް ލިބެންދެން ކުންފުނިން ކޮންމެހެން ކުރަން ޖެހޭ އިދާރީ ހަރަދުތަކަށް ކެޕިޓަލެއްގެ ގޮތުގައި ސަރުކާރުން ދޫކުރި އެއް މިލިއަން ރުފިޔާގެ ބޮޑުބައެއް ބޯޑު މެންބަރުންގެ މުސާރަ އަށް ހަރަދުކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ