ދުނިޔޭގައި އެންމެ ގިނަދުވަހު ރަސްކަން ކުރެއްވި ތައިލެންޑްގެ ރަސްގެފާނު ބޫމިބޮލް އަދުލްޔަދޭޖް އަވަހާރަވެއްޖެއެވެ.
ރަސްގެފާނު އަވަހާރަވިކަން ގަނޑުވަރުން ނެރުނު ބަޔާނެއްގައިވަނީ ކަށަވަރު ކޮށްދީފައެވެ. "މިއަދު 15:52 ގައި ރަސްގެފާނު އަވަހާރަވެއްޖެ. ޑޮކްޓަރުންގެ ޓީމުން އެމީހުންގެ ގާބިލްކަންހުރި އެންމެ މަތީ މިންވަރަށް ހޮސްޕިޓަލުގައި ޑޮކްޓަރަށް ފަރުވާ ދެއްވި" ރޯޔަލް ހައުސްހޯލްޑް ބިއުރޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު ބޫމިބޮލް އަދުލްޔަދޭޖް އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދުއެވެ.
ރަސްގެފާނު އަވަހާރަވީ، ބެންކޮކްގެ ސިރިރާޖް ހޮސްޕިޓަލްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ. އަދި އަވަހާރަވިއިރު ރަސްގެފާނު އޮންނެވީ ވެންޓިލޭޓަރުގައެވެ.
ތައިލެންޑްގެ ރަސްގެފާނު ބޫމިބޮލް އަދުލްޔަދޭޖް އަވަހާރަވިއިރު 70 އަށްވުރެ ގިނަ އަހަރު ރަސްކަން ކުރައްވާފައި ވެއެވެ.
ރަސްގެފާނު ބޫމިބޮލްއަކީ ތައިލެންޑްގެ ރައްޔިތުން ވަރަށް ބޮޑަށް ލޯބިވާ ރަސްކަލެކެވެ. ރަސްގެފާނު އަވަހާރަވިއިރު އެތައްހާސް ބަޔަކު ރަސްގެފާނަށް ފަރުވާ ދެމުންގެންދިޔަ ހޮސްޕިޓަލް ދޮށަށް ޖަމާވެފައިވެސް ވެއެވެ.
ރަސްގެފާނު އަވަހާރަވި ޚަބަރާއެކު މުޅި ތައިލެންޑް ރޮއި ހިތާމަކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ރަސްގެފާނު އަވަހާރަވުމާ ގުޅިގެން ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުޓް ޗަން އޮ ޗާ ވަނީ، އެއް އަހަރު ވަންދެން އެކަމުގެ ހިތާމަ ފާޅުކުރަން އިޢްލާން ކުރައްވާފައެވެ. އަދި އެއްމަސްވަންދެން މުނިފޫހިފިލުވުން ނުވަތަ އުފާފާޅުކުރުމުގެ ހަރަކާތްތައް މަޑުޖައްސާލުމަށްވެސް އެދިވަޑައި ގެންފައި ވެއެވެ.
ރަސްކަމުގެ ތަޚުތަށް ވަލީއަހުދު އުމުރުފުޅުން 64 އަހަރުގެ އަމީރު މަހާ ވަޖިރަލޮންގްކޯރން ވަރަށް އަވަހަށް އިސް ކުރެވޭނޭ ކަމަށާއި، އެކަމާ ގުޅޭގޮތުން ޕާލަމެންޓުން ނި ނިންމަޖެހޭ ކަންކަން އަވަސް ކުރުމަށް ޕާލަމެންޓަށް ހުށަހަޅުއްވާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ. ތައިލެންޑްގެ ވަލީއަހުދުގެ މަގާމަށް މަހާ ވަޖިރަލޮންގްކޯރން އައްޔަން ކުރެވިފައިވަނީ 28 ޑިސެމްބަރު 1972 ގައެވެ.
ތައިލެންޑް ރައްޔިތުން އެންމެ ލޯބިވާ ރަސްގެފާނު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ