ބަޖެޓްގައި ކަންބޮޑުވާ މައްސަލަތަކެއް ހުރި ނަމަވެސް ވޯޓުދޭނަން - ގާސިމް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ކަންބޮޑުވާ މައްސަލަތަކެއް ހުރި ނަމަވެސް ބަޖެޓު ފާސްކުރަން ވޯޓުދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ 2015 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަލާލުމުން މިނިވަން މުއައްސަސާތަކުން ހިންގަން ޖެހޭ ކަންތައްތަކަށް ބަލާލުމެއް ނެތި މުއައްސަސާތަކާ މެދު ވަރަށް ނިކަމެތިކޮށް ހިތާފައި ހުރި މަންޒަރު ފެންނަމުންދާ ކަމަށެވެ.
މިނިވަން މުއައްސަސާތައް ނަގަހައްޓައި ދެމެހެއްޓުމަށް ގާނޫނު އަސާސީގައި ވަރަށް ބޮޑަށް ބާރު އަޅާފައިވާއިރު ސަރުކާރުން މިނިވަން މުއައްސަސާތަކުގެ ބަޖެޓު ހިފެހެއްޓުމުން މުއައްސަސާތައް ރަނގަޅުވެ، ކުރިއަރައިގެން ދާނެތޯ ގާސިމް ވަނީ ސުވާލުކުރައްވާފައެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގައި ސަރުކާރަށް ލާޒިމްކުރާ އެތައް ހައްގުތަކެއް އަދާނުކުރެވި އެބަހުރިކަމަށާއި އެކަންކަން ނުކޮށް އެހެނިގެން ކަންކަމަށް ފައިސާ ހަރަދު ކުރުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައިދިނުމަށާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ބަޖެޓަށް ވޯޓް ދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ގިނަ ކަންކަން ވެގެންދާތަން ފެނުމަކީ އަޅުގަނޑުވެސް އުފާކުރާކަމެއް. އަޅުގަނޑުވެސް މަސައްކަތް ކުރަނީ ގައުމު ކުރިއަރާ ދިޔުމަށް، މިގޮތަށް ބަލައިގެން އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ހައްގުގައި ވޯޓްދޭން،" ގާސިމް ވިދާޅުވިއެވެ.
ބަޖެޓް ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާއިރު ޖުމްހޫރީ ޕާޓީންވަނީ ބަޖެޓަށް 10 ވަރަކަށް އިސްލާހު ހުށަހަޅާފައެވެ. އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ 10 ވަރަކަށް އިސްލާހު ހުށަހަޅާފައެވެ.
އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 24.3 ބިލިއަން ރުފިޔާއެވެ.
2015 ވަނަ އަހަރުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 21.5 ބިލިއަން ރުފިޔާއެވެ. މީގެތެރޭގައި ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރާ 13 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތަށް ލިބޭނެ ކަމަށް ކަމަށް ލަފާކުރާ 6.8 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 1.7 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އާމްދަނީ ހުށަހަޅާ ކަންތައްތަކުން ލިބޭނެ ކަމަށް ލަފާ ކުރާ 3.4 ބިލިއަން ރުފިޔާ ވެސް ހިމެނިފައިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ