ކޯލިޝަނަކާ ނުލާ ވެރިކަމަށް ނާދެވޭނެ ކަމަށް ދެކޭ ވިސްނުން ބަދަލުކުރަން ޖެހޭ: ރައީސް ޔާމީން

ވެރިކަން ހޯދުމަށް ކޯލިޝަނެއް ހެދުން ލާޒިމެއް ނޫން ކަމަށާއި ވެރިކަމަށް އާދެވޭނެ ހަމައެކަނި ގޮތަކީ ކޯލިޝަން ކަމަށް ދެކޭ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން "ވޮއިސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިއާ މިހާރާ އަޅާބަލާއިރު އެތައް ކަމެއް ސިޔާސީ ގޮތުން ތަފާތުކަމަށެވެ. އަދި ކޯލިޝަނެއް ނަހަދާ ވެރިކަމަށް ނާދެވޭނެ ކަމަށް މީހުން ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ކާކުތޯ ބުނީ ކޯލިޝަން ނަހަދާ ވެރިކަމަށް ނާދެވޭނޭ. އެއްވެސް މީހަކު ނެތް އެކަހަލަ ކަމެއް ދިރާސާ ކޮށްފައެއް. ކޯލިޝަނެއް ނަހަދާ ވެރިކަމަށް ނާދެވޭނެ ކަމަށް މީހުން ބުނާ ބުނުމަކީ އޮޅުމެއް،" އެމަނިކުފާނު ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ޕާޓީއަކާއެކު ކޯލިޝަން ހެދިޔަސް އެ ނިންމުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ނޫން ކަމަށެވެ. އެމަނިކުފާނަކީ ޕާޓީއާ ގުޅުންހުރި އެއްވެސް ނިންމުމެއް އަމިއްލަފުޅަށް ނިންމަވާނެ ބޭފުޅެއް ނޫން ކަމަށާއި ހުރިހާ ކަމެއްގައި ވެސް ޕާޓީގެ އެހެން ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. "އެއްވެސް ކަމެއް އަމިއްލައަކަށް ނުނިންމާނަން. އެއްވެސް ޕާޓީއަކާ ކޯލިޝަން ހަދާނަމަ ނިންމުން ވާނީ ޕާޓީގެ ނިންމުމަކަށް. އެކަމުވެސް އަޅުގަނޑަކަށް ނުފެނޭ ކޯލިޝަން ހެދުމަކީ ވެރިކަމަށް އަންނާށޭ ކިޔާފަ ލާޒިމުކަމެއް ކަމަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން އެހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ކުރިމަތިލާން ތައްޔާރަށް ހުންނެވިކަން ފުރަތަމަ ފަހަރަށް ރަސްމީކޮށް އިއުލާން ކުރެއްވި ފަހުންނެވެ. ރައީސް ވިދާޅުވީ އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބެއް ކާމިޔާބެއް ނުކުރެވޭނެ ކަަމަށެވެ. އަދި ކުރީގެ އިންތިޚާބުތަކުން ވެސް ފެނުން ގޮތަށް 2023 ވެސް ކާމިޔާބު ކުރެވޭނީ ކޯލިޝަނާ އެކުގައި ކަމަށާއި ކޯލިޝަން އޮތީ އެމަނިކުފާނާާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ހުކުރު ދުވަހު ރައީސް ޞާލިޙު މާމިގިއްޔަށް ވަޑައިގަތުމުން ރައީސަށް މަރުހަބާ ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމެވެ. އޭގެ ފަހުން ދެ ބޭފުޅުން ސަން އައިލެންޑްގައި ބައްދަލުކުރެއްވި ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ޖޭޕީން ހާމަނުކުރެއެވެ. މީގެ ކުރިން ޖޭޕީން ވަނީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަ ކުރާނެ ކަމަށާއި ނަމަވެސް ވާދަ ކުރާނީ ކޯލިޝަނެއްގެ ތެރެއިން ކަމެއް ނުވަތަ ނޫން ކަމެއް އަދި ނުނިންމާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ