ވޭތުވެދިޔަ އަހަރު ސިއްހީ ދާއިރާގެ ތަރައްގީއަށް 163 ޕްރޮޖެކްޓެއް ކުރިއަށް ގެންދެވިފައި ވޭ: ހެލްތު މިނިސްޓަރު
ވޭތުވެދިޔަ އަހަރު ސިއްހީ ދާއިރާގެ ތަރައްގީއަށް 163 ޕްރޮޖެކްޓެއް ކުރިއަށް ގެންދެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ. ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްކަކާއި، މި އަހަރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަންތައްތަކާ ގުޅޭ ގޮތުން މީޑީއާ އަށް މައުލޫމާތު ދިނުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އަހަރު ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. "ފަސް އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގައި ތެލެސީމިއާ ޓެސްޓު ކުރެވޭނެ ފަދަ މެޝިންތައް ގާއިމު ކުރެވިފައި. މުޅި މި މަސައްކަތް ނިމޭއިރު 16 ހޮސްޕިޓަލެއްގައި މިހާރު މިޒަމާނުގެ ތެލެސީމިއާ ޓެސްޓު ހެދޭ މެޝިންތައް ގާއިމު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އަހަރު މެމޮގްރަފީގެ ހިދުމަތްވެސް ފަސް އަތޮޅެއްގައި ގާއިމު ކުރެވުފައިވާ ކަމަށެވެ. އަދި މިއަަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އެ ހިދުމަތް ގާއިމު ކުރެވޭނެ ކަމަށެވެ. "ޑައިލައިސިސް ހިދުމަތް މިވަނީ ރާއްޖޭގެ ފަސް އަތޮޅެއްގައި ގާއިމު ކުރެވިފައި. މެޝިނަރީ އަދި ސްކޭން މެޝިން ބެހެއްޓުމުގައިވެސް ވަރަށް އިސްކަމެއް ދެވިގެން މިވަނީ ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައި އަދި އަތޮޅު ހޮސްޕިޓަލުގައި ގާއިމު ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އަހަރު ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައިވެސް އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ އަދި އެނެސްތެޓިކު ޑޮކްޓަރެއް ގާއިމު ކުރެވިފައިވާ ކަމަށެވެ. އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި ފަސް ސްޕެޝަލިސްޓުންގެ ހިދުމަތް ލިބޭނެ ގޮތަށް ހަމަޖެއްސިފައިވާ ކަމަށެވެ. ހަމައެއާއެކު، ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ސުޕަ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް މިދިޔަ އަހަރު 21 ފަރާތަކަށް ފުރުސަތު ދީފައިވާ ކަމަށާއި މި އަހަރުވެސް 10 ފަރާތަކަށް ފުރުސަތު ދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި ކުޑަކުދިން މަރުވާ މިންވަރު ވަރަށް ބޮޑަށް ދަށް ކުރެވިއްޖެ ކަަމަށެވެ. އަދި މި އަހަރުގެ ޖޫން ޖުލައި ހިސާބުގައި ދިވެހިރާއްޖެއިން ފައިލޭރިއާ ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓުވެސް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ