ރައީސް ނަޝީދު ވަގުތުން ވަގުތަށް އިސްތިޢުފާ ދޭން ގޮވާލަން: ޑީއާރްޕީ

ރައީސުލްޖުމްހޫރިއްޔާއަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާ، އެ ތުހުމަތުތައް ސާބިތުކޮށްދެވޭނެ ހެއްކެތް ދެއްކިފައި ނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަގުތުން ވަގުތަށް އިސްތިޢުފާ ދެއްވަން ދިވެހި ރައްޔިިތުންގެ ޕާޓީ (ޑީއާރްޕީ)އިން ގޮވާލައިފިއެވެ.
ޑީއާރްޕީ އިން ނެރުނު ބަޔާނެއްގައި ބުނީ، ކޮއްކޯފުޅު ހައްޔަރުކުރެއްވުމާއި ގުޅިގެން ޖަޒުބާތުގައި ޖެހިވަޑައިގެން، ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެއްވެސް ހެއްކެއް ދެއްކެވުމަށްނެތި ތުހުމަތެއް އަޅުއްވާފައި ވާތީ ކުށްލި ސިހުމާއި ހައިރާންކަން ގެނުވައިފި ކަމަށެވެ.
އަދި ރައީސް ނަޝީދު ކުރައްވާ ތުހުމަތުތަކުގެ ހަގީގަތް މިނިވަން ދެފުށްފެންނަ ތަހުގީގަކުން ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑްކުރައްވާ ޑީއާރްޕީން ވަނީ އެ ފަދަ "ބޭސްލެސް" ތުހުމަތުތަކެއް ކުރައްވާފައިވާތީ ރައީސް ނަޝީދު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިޢުފާ ދެއްވުމަށް ގޮވާލާފައެވެ.
އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި، ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުލް ސައްތާރު ހައްޔަރުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ފުލުހުން ކުރިއަށްގެން ދިޔަ އޮޕަރޭޝަނުގައި އެދުވަހު ނާޒިމް ހައްޔަރުކުރީ ވެލިގަނޑު ރިސޯޓުގައި ފިލައި ހުއްޓައެވެ. އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ އއ. ރަސްދޫއަށެވެ. ނާޒިމްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ނާޒިމްގެ ބަންދަށް ކޯޓުން ވަނީ 7 ދުވަސް ޖަހައިދީފައެވެ.
ނާޒިމް ހައްޔަރުކުރުމާއެކު ރައީސް ނަޝީދު ވަނީ ޖަޒުބާތުގައި ޖެހިވަޑައިގެން އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ރައީސް ޞާލިޙް އަށް ކުރައްވަން ފައްޓަވާފައެވެ. އަދި މި ތުހުމަތުތަކުގެ ކުރިން މިކަމާ ގުޅިގެން ހިތްހަމަނުޖެހި، ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް މި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ނާޒިމް ހައްޔަރުކުރީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ރުއްސުމަށް ސިޔާސީ މަގްސަދެއްގައި ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ