އިޖުތިމާއީ ގޮތުން މިހާތަނަށް އެއްވެސް ވެރިއަކު ނުކޮށްދެއްވާ ވަރުގެ ގިނަ މަސައްކަތްތަކެއް ރައީސް ޔާމީން ކޮށްދެއްވި: ގާސިމް
އިޖުތިމާއީ ގޮތުން މިހާތަނަށް އެއްވެސް ވެރިއަކު ނުކޮށްދެއްވާ ވަރުގެ ގިނަ ގުނަ މަސައްކަތްތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ޔާމީން ކޮށްދެއްވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. އދ. މާމިގިލީގައި ބޯ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް މިއަދު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތްތަކާއި މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތް ފާހަގަ ކޮށްލެވޭ ކަމަށެވެ. "އެއާޕޯޓު ބޮޑު ކުރެއްވުމަށް ނިންމަވައި އެ ކޮންޓްރެކްޓަށް ފައިސާ ހޯއްދަވައި އެކަންތައްތައް ކުރިއަށްދާ ދިއުން އެއީ... މާލެއާއި ހުޅުމާލެއާ ދެމެދު އެޅޭ ބުރިޖު، ވަރަށް ބޮޑު ހަރަދެއް ވަރަށް ގިނަ އުއްމީދުތަކެއް އަޅުގަނޑުމެން ކުރަމުން އައި ކަންތައްތަކެއްވެސް މިއަދު މިވަނީ މާޒީގެ ތެރެއަށް ދާން ފެށިފައި،" ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ، ކޮންމެ ހަފުތާއަކު ވެސް ކޮންމެވެސް ދެ މަޝްރޫއެއް ރައީސް ޔާމީން އިފްތިތާހުކޮށްދެއްވާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި އެކަމާ އުފާކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. "ތަފާތު އެކިއެކި އިމާރާތްތައް ސިއްހީ ދާއިރާއިން ތައުލީމީ ދާއިރާއިން ކުރައްވަން ޖެހޭ ހުރިހާ ގިނަ ގުނަ މަސައްކަތްތަކެއް އިންސްޓްރޫމަންޓު އިކުއިޕްމެންޓު މިހެން ދާންދެން ގޮސް ކޮޅުން ނުލާ ފަދަ ގިނަ ކަންތައްތައް ރާއްޖޭގައި 200 އެތައް ރަށެއްގައި،" ގާސިމް ވިދާޅުވި އެވެ. މިއަދުގެ ރަސްމިއްޔާތުގައި ގާސިމް އިބްރާހިމް ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ގިނަ ވާހަކަފުޅު ދެއްކެވި އިރު، ރައީސް ޔާމީންވެސް ވަނީ ގާސިމް އިބްރާހިމް އަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ