ކުރިއަށްއޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤަޢުމީ އިދާރާއިން ވިދާލުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެކަމަށް ލަފާކުރެވޭ އިރު މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެ ތެރެއަށްކަމަށެވެ. މިގޮތުން އުތުރާއި މެދު ރާއްޖެ ތެރެއަށް އާއްމުގޮތެއްގައި 10މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ.
މެޓް އޮފީހުން ވިދާޅުވީ ރާޢްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އަދި އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖޭގެ ހުޅަނގުގައި މިވަގުތު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އަދި މިއަދު ހެނދުނު 8:30 އިން ފެށިގެން ރާއްޖޭގެ ހުޅަނގުން ބޯ ވިއްސާރަ ވިލާތަށް އުފެދި، އަތޮޅުތަކުގެ މައްޗަށް ވިއްސާރަ ވިލާތަށް އަރަމުންދާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މިދުވަސްވަރަކީ ގިނަ ބަޔަކު ކަނޑު ދަތުރު ކުރަމުންދާ ދުވަސްވަރެއްކަމުން ކަނޑުދަތުރު ފަތުރު ކުރާއިރު މޫސުމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ