އިންޑިއާ ސިފައިން ހަރަކާތްތެރިވާ ގޮތުން ސަރުކާރުގެ ބާރެއް ނެތްކަން ހާމަވޭ: ޔާމީން

އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާ ގޮތުންވެސް، ސަރުކާރުގެ ބާރެއް ނެތްކަން ހާމަވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން، މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ފުޅާކުރުމުގެ ގޮތުން ށ. ފުނަދުއަށް ވަޑައިގަތުމުން، އެ ރަށުގައި ތިބި އިދިކޮޅަށް ސަޕޯޓުކުރާ ރައްޔިތުން ވަނީ ޔާމީނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ފުނަދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެގެން ތިބުމުން، ރައްޔިތުންނަށް އެކި ގޮތްގޮތުން އުނދަގޫވާ ކަމަށާއި، ހާއްސަކޮށް އެ ގައުމުގެ ސިފައިން ގާއިމްވެފައި ތިބި ރަށްރަށުގެ ރައްޔިތުންނަށް އުނދަގޫވާއިރު، އެ އުނދަގޫ އެހެން ރަށްރަށަށްވެސް ފޯރާ ކަމަށެވެ.
ކަން އޮތީ އެހެން ކަމަށާއި ސަރުކާރުގެ އަމަލުތައް ހުރިގޮތުން ދޭހަވަނީ ސަރުކާރުގެ ނިންމުންތަކުގައި އެއްވެސް ބާރެއް ނެތް ކަން ކަމަށް ވިދާޅުވެ، ޔާމީން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
އޭގެ މިސާލެއްގެ ގޮތުގައި ހަނިމާދޫ ނަންގަވައި ޔާމީން ވިދާޅުވީ، ހަނިމާދޫގައި ސަރުކާރުގެ ބާރެއް މިހާރު ނުހިނގާ ކަމަށާއި، މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ޖައްސަން ޖެހުނަސް މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތުން، ހަނިމާދޫގައި ތިބި އިންޑިއާ ސިފައިންގެ ހުއްދަ ހޯދައިގެން ނޫނީ އެ ރަށުގެ އެއާޕޯޓުގައި ބޯޓެއްވެސް ޖެއްސެން ނެތް ކަމަށެވެ.
ހަމަ އެއާއެކު، ސަރުކާރަށް ފާޑު ވިދާޅުވެ، ޔާމީން ވަނީ ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދަވާފައެވެ.
އެހެން ނަމަވެސް ޔާމީން ވިދާޅުވީ، އިންޑިއާ އަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި، އިންޑިއާ އަކާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު ހަމައެކަނި މައްސަލައަކީ އެގައުމުގެ ސަރުކާރުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުން ކަމުގައި ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެއްވެސް ދާއިރާއެއް ނެތް އެމީހުންގެ ބާރުގެ ދަށަށް ނުގެންނަ." ޔާމީން ވިދާޅުވިއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ޔާމީން ވަނީ މީގެ ކުރިން ކ. އަތޮލުގެ ބައެއް ރަށްރަށަށް އަދި ފ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.
އިންޑިއާ އައުޓް ހަރަކާތް ރަށްރަށަށް ފުޅާކުރަމުން ދާއިރު، އެ ހަރަކާތާ ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ، އަދި މި ހަރަކާތް ކުރިއަށް ގެންދަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ