ކެމްޕޭން ހަރަކާތްތަކަށް ރައީިސް ޔާމީން އަދި ނައިބު ރައީސް ފައިސަލް މަރޮއްޓަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް ފައިސަލް ނަސީމް ށ. މަރޮއްޓަށް ވަޑައިގެންފިއެވެ.
ޕީޕީއެމުން އެ ގޮނޑިއަށް ވާދަކުރާ މޫސާ ފަތުހީގެ ކެމްޕޭނަށް ރައީސް ޔާމީން މަރޮއްޓަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭގެ ކުރިން އިއްޔެ އެމަނިކުފާނު ވަނީ އެއަތޮޅު ފުނަދޫގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ނައިބު ރައީސް ފައިސަލް ކޮމަންޑޫ ދާއިރާއަށް ވަޑައިގަތީ އެމްޑީޕީން އެ ގޮނޑިއަށް ވާދަކުރާ މުހައްމަދު ރާށިގުގެ ކެމްޕޭނު ހަރަކާތުގައި ބައިވެރިވަޑައިގަތުމަށެވެ. އެ ހަރަކާތްތަކަށް އެމްޑީޕީގެ ވަފުދު މިހާރު މަރޮއްޓަށްވަޑައިގެންފައިވާއިރު ފައިސަލް އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ ދާއިރާގެ ފޯކައިދޫއަށެވެ. އަދި އެރަށުގައި ހަރަކާތްތެރިވާ ކެމްޕޭން ޓީމާ ބައްދަލުކުރައްވާފައިވެއެވެ.
ފައިސަލް އަކީ ޖުމްހޫރީ ޕާޓީގެ މެންބަރެއް ނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް އެ ޕާޓީން ތާއިދުކުރާކަން ހާމަކޮށްފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ މަހުއެވެ. އެ ދާއިރާގެ ގޮނޑު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި މެންބަރު ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ