ފްލައިން ސްކޫލް ހިންގުމަށް 30.8 މިލިއަން ރުފިޔާ އިންވެސްޓް ކުރަނީ

އައްޑޫ ސިޓީ ގަމުގައި މޯލްޑިވިއަން އިން ހިންގުމަށް ހަމަޖެހިފައިވާ ފްލައިން ސްކޫލް ހިންގުމަށް 30.8 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހާމްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ ފްލައިން ސްކޫލް އަލުން ފެށުމަށް ހަދާފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ ދަށުން ފްލައިން ސްކޫލަށް ހުރިހާ އިންވެސްޓްމަންޓެއް ގައުމީ ޔުނިވަސިޓީން ކުރާނެ ކަމަށެވެ.
ދެ މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކީ ނިސްބަތުން ބޮޑު އެއްޗެއްކަން ފާހަގަކޮށް ޑރ. ޝަރީފް ވިދާޅުވީ ފުރަތަމަ ކޮޅު އޭގެ ރިކަވަރީ ހޯދަން އުނދަގޫ ވާނެކަމަށެވެ. ނަމަވެސް 3 އަހަރާއި 4 އަހަރު ތެރޭގައި އެ ތަނުން ފައިދާ ނެރެވޭނެ ކަމަށެވެ.
އައްޑޫގައި މީީގެކުރިން ފްލައިން ސްކޫލް ހިންގަމުން އައިސްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވެ. އެ ކުންފުންޏާއެކު އޭއައިއޭ އިން ހަދާފައިވާ އެއްބަސްވުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އެއްބަސްވުން އާނުކުރަން އޭއައިއޭ އިން ވަނީ ނިންމާފައެވެ.
އެއްބަސްވުން އާނުކުރަން ނިންމިއިރު އެ ސްކޫލްގައި ކިޔަވަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވާތާ ގިނަ މަސްތަކެއް ވަނީ ވެގެން ގޮސްފައެވެ.
މޯލްޑިވިއަން އިން އައްޑޫގައި ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ދަށުން އެ ސްކޫލް މެނޭޖް ކުރުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީ އެވެ.
އެ ސްކޫލްގެ ކިޔެވުން ޑިސެމްބަރުގައި ފެށުމަށް މަސައްކަތް ކުރަމުންދާއިރު، އޭއޭއޭ އިން ހިންގި ފްލައި ސްކޫލަށް ފައިސާ ދައްކައި ކިޔެވުން ކުރިއަށް ނުގެންދެވި ތިބި ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ