ބ އަތޮޅު ކަރަންޓު ވިއުގައިން ގުޅައިދޭނެ ބަޔަކު ހޯދަނީ

ބ އަތޮޅުގެ ބައެއް ރަށްތައް އެއް ކަރަންޓު ވިއުގައަކުން ގުޅައިދޭނެ ބަޔަކު ހޯދަން ފެނަކައިން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
ފެނަކައިން އިއުލާނުކޮށްފައި ވަނީ ބ. ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ކަރަންޓު ނެޓްވޯކް އެއްވިއުގަކޮށް ގުޅާލުމަށާއި އަދި ގޮއިދޫގައި ސެންޓްރަލް ޕަވާ ހައުސް އަޅާނެ ބަޔެކެވެ.
ފެނަކައިން އަނެއްކާވެސް އިއުލާނުކޮށްފައި ވަނީ ފުރަތަމަ ކުރި އިއުލާނަށް ތަރުހީބު ލިބިފައި ނުވާތީ އެވެ. މި މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މީހުންނަށް ވަނީ ހުޅުވައިލާފަ އެވެ.
ފެނަކައިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިހަ ހާސް ޔޫއެސް ޑޮލަރު ނުވަތަ އެ އަދަދަށް ވާވަރަށް ދިވެހި ފައިސާ ހުށަހަޅަންވާނެ ކަމަށެވެ. ހުށަހަޅާ ބިޑް ސެކިއުރިޓީ ވާންވާނީ އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓާއަކަށް ނުވަތަ ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް ނުވަތަ އެމްއެމްއޭގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލަކަށް ކަމަށް ވެސް އެކުންފުނިން ވަނީ ޝަރުތުކޮށްފަ އެވެ.
މި މަސައްކަތުގެ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިމަހުގެ ހަވަނަ ދުވަހުން ފެށެގެން އަންނަ މަހުގެ 19 ވަނަ ދުވަހަށެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ.
ތުޅާދޫ ދާއިރާގައި ހިމެނޭ ގޮއިދު އަތޮޅުގެ ތިން ރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް 1،500 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ