3 ރަށެއްގެ ސެޓްލައިޓް ސްކޫލް، މިމަހު ހުޅުވަނީ

ރާއްޖޭގެ 3 ރަށެއްގައި ޤާއިމުކުރާ ސެޓެލައިޓް ސްކޫލުތައް މިމަހުގެ 24ގައި ހުޅުވައި ކިޔަވައިދޭން ނިންމައިފިއެވެ. ސެޓެލައިޓް ސްކޫލްތައް ޤާއިމްކުރުމަށް ނިންމާފައިވަނީ ބ.ފެހެންދުއާއި ވ.ރަކީދުއާއި އެއަތޮޅު ތިނަދޫގައެވެ.
"ސެޓެލައިޓް ސްކޫލް" ޤާއިމުކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގައެވެ. މިމަސައްކަތުގެ ދަށުން، ބ.ފެހެންދުއާއި ވ.ރަކީދޫ އަދި ވ.ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ވަނީ ފަށައިފައެވެ.
ދައުލަތުގެ ބަޖެޓުން އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ފެހެންދޫގައި ސެޓެލައިޓް ސްކޫލް ޢިމާރާތްކުރަން ހަވާލުކުރީ ކޭޑީ އެންޓަޕްރައިސަސްއާއެވެ. ތިނަދުއާއި ރަކީދޫގެ ސެޓެލައިޓް ސްކޫލް ޢިމާރާތްކުރަން ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއެވެ. ތިނަދޫ ސްކޫލަށް އެއް މިލިއަން ރުފިޔާ އަދި ރަކީދޫ ސްކޫލު އަޅަން ދެ މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިސްކޫލްތައް އަންނަ އޮކްޓޫބަރުމަހުގެ 24ގައި ހުޅުވުމަށްނިންމާފައިވާކަމަށެވެ. އަދި ސްކޫލްތަކުން ކިޔަވަން ބޭނުންވާ ކުދިން އޮކްޓޫބަރުމަހުގެ 14ގެ ކުރިން ފޯމު ހުށަހަޅަން ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިސްކޫލްތަކުގައި ކިޔަވަން ބޭނުންވާ ކުދިންނަށް މިއަހަރުގެ ނިޔަލަށް ބޭނުންކުރާނީ އެކުދިން މިހާރު ކިޔަވާ ސްކޫލުގެ ޔުނިފޯމު ކަމަށެވެ.
އަންނަ މަހު އެސްކޫލްތަކުގައި ކިޔަވިދޭން ނިންމާފައިވާއިރު ވ.އަތޮޅަށް އެޑިއުކޭޝަން މިނިސްޓަރ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ މި ސްކޫލްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާފައެވެ.
ސެޓަލައިޓް ސްކޫލިން މެދުވެރިކޮށް ކިޔަވައިދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާނެ ޢިމާރާތަކާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުން ތިބޭނެއެވެ. މިގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދެއްވާނެކަމަށާއި ދަރިވަރުންގެ އިތުރު ޙަރަކާތްތައް ކުރިއަށްގެންދިޔުމުގައި އެހެނިހެން ސްލޫލްތަކާ ގުޅިގެން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ