ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާނެ ބަޔަކު ހޯދަނީ

ބ އަތޮޅުގެ ތިިން ރަށެއްގެ ކަރަންޓު އެއް ވިއުގައަކުން ގުޅައިދޭނެ ބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިއުލާން ކޮށްފިއެވެ.
ފެނަކައިން ބުނީ، ބ. ގޮއިދޫއާއި ފުޅަދޫ އަދި ފެހެންދޫގެ ޕަވާގްރިޑްތައް ގުޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ ޕަވާގްރިޑްތައް ގުޅާލަން ބޭނުންވަނީ އަންޑަވޯޓާ ސަބްމެރިން ކޭބަލް ނެޓްވޯކަކުން ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
އެ ތިން ރަށުގެ ޖުމްލަ އާބާދީއަކީ 1،500 އެއްހާ މީހުންނެވެ. އަދި އެ ރަށްތަކަކީ ކައިރި ކައިރީގައި އޮންނަ ރަށްތަކެކެވެ. ފެނަކައިން ބުނީ، އެ ތިން ރަށުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައި، މައި އިންޖީނުގެ ބަހައްޓަން ހަމަޖެހިފައި ވަނީ އެ ތިން ރަށުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމަށްވާ ގޮއިދޫގައި ކަމަށެވެ.
ފެނަކައިން ބުނީ، އެ މަސައްކަތްކަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު، މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށެވެ. އަދި ރާއްޖެއާއި ރާއްޖޭގެ ބޭރުގެ ކުންފުނިތަކަށްވެސް ބިޑު ހުށަހެޅޭނެ ކަމަށް މައުލޫމާތު ދެއެވެ.
އެ މަޝްރޫއު ނިމުމާއެކު އެ ތިން ރަށަށް މިހާރު ފޯރުކޮށްދެމުން ގެންދާ ކަރަންޓުގެ ހިދުމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ