އެސެޓްރިކަވަރީ ކޮމިޝަން މިހާރުން މިހާރަށް އުވާލަން ޖެހޭ: މެމްބަރު ޔާސިރު

އެސެޓްރިކަވަރީ ކޮމިޝަން މިހާރުން މިހާރަށް އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ ގޮތުން، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ދައުލަތުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފެއްދެވީ 17 ނޮވެންބަރު 2018ގައެވެ.
މި ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ޔާސިރު ވަނީ އެސެޓް ރިކަވަރީ ކޮމިޝަން މިހާރުން މިހާރަށް އުވާލުމަށް އެދިވަޑައިގެންފައެވެ.
ޔާސިރު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީއަށް ރައްޔިތުން ވޯޓުދިނީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކަމަށާއި އަދި މިހާރު ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް މަދު ކުރެވިއްޖެ ކަމަށެވެ.
އޭގެ ހެއްކަކީ މިއަދު ހުށަހެޅޭ މައްސަލަ އިތުރުވުންކަން ފާހަގަކުރައްވާ މެމްބަރު ޔާސިރު ވިދާޅުވީ ވައްކަމުގެ ވާހަކަ ދައްކަން ކެރޭ މީހުން މިހާރު ގިނަވެއްޖެ ކަމަށާއި އެގޮތުން ވިސިލްބްލޯ ކުރާނެ އެކްޓެއް ވަނީ ފާސްކޮށްފައި ކަމަށެވެ.
މެމްބަރު ވަނީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ މަސައްކަތްތަކާއި ދޭތެރޭގަ ހިތްހަމަނުޖެހޭކަން ފާހަގަކުރައްވާފައެވެ.
އަދި ތިން އަހަރު ފާއިތުވެގެންދިޔައިރު ކޮމިޝަންތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ބާރުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފާފައިނުވާ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކޮމިޝަންގެ މަސައްކަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ކޮމިޝަންތަކަށް ފުރުސަތު ދިނުމަށް ފަހު ކޮމިޝަންތަކާ ދޭތެރޭ ގޮތެއް ނިއްމަން ޖެހޭ ކަމަށް މެމްބަރު ޔާސިރު ވިދާޅުވިއެވެ.
މެމްބަރުގެ ފާޑުކިޔުން ކޮމިޝަނަށް އަމާޒުވިއިރު އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މި ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ