އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.
ރައިސް އޮފީހުން މިއަދު ބުނީ، އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި ކުރިއަށް އޮތް ތިން ދުވަހު ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާކަމަށެވެ.
އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް ބަލީގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު މެންދުރުފަހު 2:02ގަ އެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 85 އަހަރެވެ.
ރައީސް ސޯލިހު ވަނީ މިއަދުގެ ވަގުތެއްގައި އުމަރު ޒާހިރުގެ އާއިލާއާ ގުޅުއްވައި ތައުޒިޔާ ދަންނަވާފައެވެ. އެގޮތުން، އުމަރު ޒާހިރުގެ ދަރިކަނބަލުން އާމިނަތު ސާމިހާ ޒާހިރާ ގުޅުއްވައި ރައީސް ވިދާޅުވީ، އެ ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ.
އުމަރު ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެން 50 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ގައުމަށް އިހުލާސްތެރި އަގުހުރި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ