މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުން ކުރިކަން ހިންނަވަރު އަބްދުﷲ އިހުވާންގެ މައްޗަށް ސާބިތެއް ނުވި

މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ބޭނުންކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލި ޅ. ހިންނަވަރު ކަނދުމާގޭ އަބްދުﷲ އިހުވާންގެ ކުޑަކަމުދާތަކެތި ނެގުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއީ ކަމެއް ފުރިހަމަކޮށްފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ދައުލަތުން އިހުވާނުގެ މައްޗަށް އުފުލި ދައުވާއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކުރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އިހުވާނުގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭނަގެ ކުޑަކަމުދާ ތަކެތި "އޯޕީއޭޓްސް" އަށާއި،"ބެންޒޯޑައިޒީޕައިން" އަށް ޕޮޒިޓިވްވެގެން ކަމަށް އެނގޭ އިރު އެފަދަ ކުށްކުށުގައި ހައްޔަރުކުރެވޭ މީހުންގެ ކުޑަކަމުދާތަކެތި ނެގުމުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއީ ކަމެއް އިހުވާނުގެ ކުޑަކަމުދާތަކެތި ނެގުމުގައި ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.
ނިކަގަސްމަގުގައި ހުންނަ "އީޓް އެންޑް ޑްރިންކް" ހޮޓާ ކުރިމަތީގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު 26 ވަނަ ދުވަހުގެ އިރުއޮސުނު އިރު އިހުވާން މަސްތުވާތަކެތި ބެނުންކޮށްގެން ހުރި ކަމަށް ފުލުހުންނަށް ތުހުމަތު ކުރެވިގެން ފުލުހުން އޭނާ ފާސްކުރި އިރު އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ނަމަވެސް އޭނާގެ އަތުން ފެނިފައިވާ މަސްތުވާތަކެތި ފުލުހުންނަށް ސިފަކޮށް ދެވިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާގެ އަތުން ފެނުނު ތަކެއްޗާއި ތަހުލީލު ކުރި ފަރާތުން ތަހުލީލު ކުރި ކަމަށް ބުނާ ތަކެއްޗާއި ދިމާނުވާ ކަމަށެވެ.
އޭނާގެ އަތުން ފެނުނު ކަމަށް ދައުވާގައި ބަޔާންކޮށްފައިވާ ތަކެއްޗާ މެދު އުފެދިފައިވާ ޝައްކު ފިލައިދާވަރުގެ ހެއްކެއް ޝަރީއަތަށް ދެއްކިފައި ނުވާކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ގޮތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް ހުކުމްކޮށް، އަބްދުﷲ އިހުވާންގެ މައްޗަށް ކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ގޮތުގައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އަށް ބެލި އިރު އިސްވެ ދެންނެވުނު ދެ ކުށުގެ ދައުވާ އަބްދުﷲ އިހުވާންގެ މައްޗަށް ކޮށްފައި ވަނީ "އޯޕީއޭޓްސް" އަށާއި، "ބެންޒޯޑައިޒީޕައިން" އަށް ޕޮޒިޓިވްވެގެން ކަމަށް އެނގޭއިރު، މިފަދަ ކުށްކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ކުޑަކަމުދާތަކެތި ނެގުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއީ ކަމެއް އަބްދުﷲ އިހުވާންގެ ކުޑަކަމުދާތަކެތި ނެގުމުގައި ފުރިހަމަކޮށްފައިނުވާތީ ދައުލަތުން ޅ. ހިންނަވަރު، ކަނދުމާގެ އަބްދުﷲ އިހުވާންގެ މައްޗަށް ކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކުރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ މިގަޒިއްޔާގައި ބަލަލައި ދީފައިނުވާކަން އަންގާ ހުކުމް ކޮށްފީމެވެ،" ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ