މިސްރުގެ ސުޕްރީމް ކޯޓު ކައިރީގައި ދިން ބޮމުގެ ހަމަލާއެއްގައި 2 މީހުން މަރުވެއްޖެ

މިސްރުގެ ކައިރޯގައި ހުންނަ ސުޕްރީމް ކޯޓު ކައިރީ ދިން ބޮމުގެ ހަމަލާއެއްގައި 2 މީހަކު މަރުވެ 11 މީހަކު ޒަޚަމްވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ފުލުހުންނާއި އާންމު ރައްޔިތުންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މަރުވި ދެ މީހުންގެ ތެރޭގައި ހިމެނެނީ އާންމުންގެ ދެ މީހެކެވެ. އަދި އާންމުންގެ 9 މީހަކު ވަނީ ޒަޚަމްވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން މި ބޮން ގޮއްވާލާފައި ވަނީ ކޯޓުގެ ބޭރުގައި ޕާކް ކޮށްފައި އޮތް ކާރެއްގެ ދަށުގައެވެ. އަދި މިހާދިސާ ހިނގި ވަގުތު އެޤައުމުގެ ޕަބްލިކް ޕްރޮސެކިއުޓަރ އިންނެވީ ކޯޓު ރޫމް ތެރޭގައި ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ޕރޮސެކިއުޓަރަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައެއް ނުވެއެވެ.
މި ހަމަލާ ދީފައި މިވަނީ އެޤައުމުގެ ހުޅަނގުގެ ސަރަހެއްދެއްގައި ހުރި ޕޮލިސް ސްޓޭޝަނެއްގެ ބޭރުގައި ދިން ބޮމުގެ ހަމަލާއެއްގައި އާންމުން ދެ މީހަކު މަރުވިތާ އެއް ދުވަސް ފަހުންނެވެ.
ފަހަކަށް އައިސް މިސްރުގައި ފުލުހުންނަށް އަމާޒުކޮށް ދެވޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އަދި މިފަދަ ހަމަލާތަކުގައި ފުލުހުންނާއި އާންމު ރައްޔިތުންވެސް ވަނީ މަރުވެފައެވެ. އެގޮތުން ޖެނުއަރީ މަހު ދިން ވަރުގަދަ ކާރު ބޮމުގެ ހަމަލާއެއްގައި ފުލުހުންނާއި އާންމުން ހިމެނޭ ގޮތަށް 30 މީހަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ