ތާއީދުކުރާނެ ކެންޑިޑޭޓެއް ނިންމުމަށް އަލުން ކައުންސިލަށް ހުށަހަޅާނަން - ގާސިމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު އޮންނައިރު ދެވަނަ ބުރުގައި ތާއީދުކުރާނެ ކެންޑިޑޭޓަކާއި މެދު ގޮތެއް ނިންމުމަށްޓަކައި އަލުން ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލުން މީގެކުރިން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފައެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއިއެކު ގާސިމް ދިރިއުޅުއްވާ މ.މާފަންނުވިލާގައި ބައްދަލުކުރެއްވުމަށްފަހު އެގޭ ގޯތި ތެރޭގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ ދެ ހުށަހެޅުމެއް ކައުންސިލަށް ހުށަހަޅާނެ ކަމަށާއި އެއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ތާއީދުކުރުމާއި ބެހޭގޮތުން ހުށަހަޅާ ހުށަހެޅުމަކާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓޫ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރުމާއި ބެހޭގޮތުން ހުށަހަޅާ ހުށަހެޅުމެއް ކަމަށެވެ.
އެދެ ހުށަހެޅުން ހުށަހަޅާއިރު އެމްޑީޕީ އާއި ޕީޕީއެމްއިން ކޮށްދޭނެ ކަންތައްތައް ވެސް ކައުންސިލަށް ހުށަހަޅާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާއި މެދު މަޝްވަރާ ކުރުމަށް ތިން ރައީސުން ވެސް މިހާތަނަށް ބައްދަލުކުރައްވާފައިވާ ކަމަށާއި އެގޮތުން މިހާރުގެ ރައީސް ޑރ،މުހައްމަދު ވަހީދުވެސް ފޯނުން ގުޅުއްވާ ގައުމުގެ މުސްތަގުބަލައްޓަކާ އެންމެ ރަނގަޅު ގޮތަކަށް ނިންމެވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު މިހާތަނަށް ޕާޓީގެ ތެރެއިން ނިއުޓްރަލްކޮށް ނިންމީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ. ނަމަވެސް ހަގީގަތަކީ މިތިން ބޭފުޅުން ވެސް މިގޮތަށް އެދިވަޑައިގަތީމާ ޕާޓީގެ ގައުމީ މަޖިލީހަށް މިމައްސަލަ އަނެއްކާ ވެސް ގެންދިއުމަށް އަޅުގަނޑު ނިންމައިފިން." ގާސިމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ގާސިމް އިބްރާހިމާއި ބައްދަލުކޮށްލެއްވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުން ވާހަކަދައްކާލުމަށް ކަމަށާއި ގާސިމަކީ ވަރަށް ގިނަ ހިދުމަތްތަކެއް އަމިއްލަ ގޮތުން ވެސް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ ގާސިމްގެ ނިންމެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، ގިނަ ބަޔަކު ތިބޭ އިރު ޑިމޮކްރަސީގައި އަމަލު ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ