މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރާ ރައީސް މައުމޫން ބައްދަލު ކުރައްވައިފި
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދާ ބައްދަލު ކުރައްވައިފި އެވެ. ރައީސް މައުމޫނުގެ އޮފީހުން ބުނި ގޮތުގައި، ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ރޭ ވަނީ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު އަދި އަނބިކަނބަލުން ސިއްތި ހަސްމާ ދެއްވި ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ފަރީއްކޮޅު ބޭއްވެވީ ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާގެ ޝަރަފުގައެވެ. މި ފަރީއްކޮޅުގައި، މާލޭ އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަސައްކަތުގައި އުޅުއްވި ބައެއް ބޭފުޅުންގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރޭ ބޭއްވި ފަރީއްކޮޅުގައި ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ދެކަނބަލުންގެ ޝަރަފުގައި ފަރީއްކޮޅެއް ބޭއްވެވީތީ ޝުކުރރު އަދާކުރައްވައި، ޑރ. މަހާތީރުގެ ދެކަނބަލުންނަށް ހެޔޮ ދުއާ ކުރައްވައިފައެވެ. އަދި މެލޭޝިޔާއިން ދިވެހިރާއްޖެއާ މެދު ބަހައްޓާ ގާތްކަމާ އެއްބާރުލުމަށްޓަކައި ރައީސް މައުމޫން ޝުކުރު އަދާކުރެއްވި އެވެ. އެ ފަރީއްކޮޅުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ވިދާޅުވީ، ގިނަ ދުވަސްތަކަކަށް ފަހު ރައީސް މައުމޫނާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ހާލަތާ މެދު މައުލޫމާތު އޮޅުންފިލުއްވައިފަ އެވެ. ރައީސް މައުމޫނާއި ބޮޑުވަޒީރު ޑރ. މަހާތީރަކީ ވަރަށް އަރިސް ދެބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ