އިގްތިސާދީ ގޮތުން އެއްވެސް މިންވަރަކަށް ހަރަކާތްތެރި ނުވާ 000' 70 އަށް ވުރެ ގިނަ މީހުން އެބަތިބި: މިނިސްޓަރު

އަހުމަދު ހަމްދޫން
އިގްތިސާދީ ގޮތުން އެއްވެސް މިންވަރަކަށް ހަރަކާތްތެރިނުވާ 000' 70 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ލޭބާ މިނިސްޓަރު އަބްދުއްރަޝީދު ހުސެއިން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި މަސައްކަތްކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލޭބާ މިނިސްޓަރު ވިދާޅުވީ މަސައްކަތްކުރާ އުމުރުގެ އާބާދީގެ ތެރެއިން އިގްތިސާދީ ކަންކަމުގައި ހަރަކާތްތެރިވަނީ 442' 87 މީހުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މަސައްކަތްކުރާ އާބާދީ އަކީ 173' 160 މީހުން ކަމަށެވެ.
"ރާއްޖޭގައި 000` 35 ބިދޭސީން މަސައްކަތް ކުރާއިރު، އިގްތިސާދީ ގޮތުން ހަރަކާތްތެރި ނުވާ 000` 70 އަށްވުރެ ގިނަ ދިވެހިން އެބަތިބި ކަމަށް ހިސާބުތަކުން ދައްކާ. ވަޒީފާގެ މައްސަލަތަކަކީ ގައުމަށް ކުރިމަގުގައި ވެސް ކުރިމަތިލާން ޖެހޭނެ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާތީ، މިކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
އަބްދުއްރަޝީދު ހުސެއިން ވިދާޅުވީ އިގްތިސޯދީ ގޮތުން ބޮޑެތި މަޝްރޫއުތައް ފަށައިގެން އަންނައިރު ވަޒީފާގެ ބާޒާރުގައި ބިދޭސީން ހިއްސާކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.
"މިސާލަކަށް ޓޫރިޒަމަށް އިތުރު ރަށްތަކެއް ހުޅުވިގެންދާއިރު، އެކަންކަމާ ގުޅިގެން އުފެދިގެން އަންނަ އެކިއެކު މަސައްކަތްތަކަށް ވެސް ބިދޭސީން ގެންނަން ޖެހި، ވަޒީފާގެ ބާޒާރުގައި ބިދޭސީން ހިއްސާކުރާ ނިސްބަތް ވަރަށް ވެސް ބޮޑަށް އިތުރުވެގެންދާނެކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް،" އަބްދުއްރަޝީދު ހުސެއިން ވިދާޅުވި އެވެ.
މަސައްކަތްކުރާ މީހުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ އޯގަސްޓް މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހާ ގުޅިގެން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ލޭބާ މިނިސްޓަރު އަދި މިހާރުގެ ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު އަބްދުﷲ ކަމާލުއްދީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ