އަނެއްކާވެސް، "ރައްޔިތުން ފަނާވަނީ"

"ދިވެހިންގެ އަޑު - ރައްޔިތުން ފަނާވަނީ" ގެ ނަމުގައި އާންމު ފަރުދުންތަކެއް ސިޔާސީ ހަރާކާތަށް ނުކުމެއްޖެއެވެ.
ވަކި ވަކި ފަރުދުން ތަކެއް އިސްނަގައިގެން މިރޭ ފަށައިގަތް އެ ހަރަކާތުގެ ފަރާތުން، ރާއްޖޭގައި މިވަގުތު ހުރި ބައެއް ކަންބޮޑުވުންތަކާ ބެހޭގޮތުން އަޑު އުފުލުމަށް ހަމަޖެހިފައިވާއިރު، އެ ހަރަކާތުގެ ފަރާތުން ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަށާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކަށްވެސް އެ ހަރަކާތުގައި ބައިވެރިވުމުގެ ދޮރު ހުޅުވާލައިފައެވެ.
މިހާތަނަށް އައި އިރު، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ އެ ހަރަކާތަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.
އެހެންނަމަވެސް، ސިޔާސީ އެއްވެސް ޕާޓީއަކުން އަދި މަދަނީ އެއްވެސް ޖަމިއްޔާއަކުން އެ ހަރަކާތާ ގުޅިފައެއް އަދި ނުވެއެވެ.
ނިޒާމީ ސިޔާސީ ހަރަކާތްތަކަށް ފަހި ޤާނޫނީ ނިޒާމަކާއި، ޕާޓީ ސިސްޓަމެއް ރާއްޖޭގައި ޤާއިމުވެފައިވާއިރު، ވަކިވަކި ފަރުދުންގެ ބަޔަކު 2011 ވަނަ އަހަރުވެސް ވަނީ އެއިރުގެ ވެރިކަމާ ދެކޮޅަށް އަޑު އުފުލުމަށްޓައި "ރައްޔިތުން ހަނާވަނީ" އޭ ގޮވަމުން ނުކުމެފައެވެ. އެޔަށްފަހު، އެ ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތަކީ، ޤާނޫނުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ނުޖެހޭގޮތަށް، އިންތިޒާމެއް ނެތި ހިންގަމުން ދިޔަ ހަރަކާތްތަކެއް ކަމަށް ވުމާއެކު، ނިޒާމީ ސިޔާސީ ހަރަކާތުގެ ބަދަލުގައި އެދުވަސްވަރުވެސް ވަނީ އެންޓި-ސޯޝަލް އެލެމެންޓްތަކަށް ޖާގަލިބިގެން ގޮސްފައެވެ.
ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްގެން، ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކުރިޔަށް ގެންދާ ޖަމިއްޔާ ޖަމާޢަތްތަކުގެ ބަދަލުގައި، ވަކިވަކި ފަރުދުން އެގޮތް މިގޮތަށް ނުކުތުމަކީ ޑިމޮކްރެސީގެ ތެރެޔަށް ވަންނަ ޤާނޫނުން މަތީގެ ބައިގަނޑެއްކަން މާޒީން ވަނީ ފެނިފައެވެ.
ރާއްޖޭގައި، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާޢަތްތަކާ ރަޖިސްޓްރީކޮށްގެން ހިންގަނިކޮށް، މާޒީގެ ތަޖުރިބާއަށް ބިނާކޮށް، ސިޔާސީ މަޤުޞަދުތައް ހާސިލުކުރުމަށްޓަކައި، އަނެއްކާވެސް "ރައްޔިތުން ފަނާވަނީ" ގެ ނަމުގައި ބަޔަކު މިވަނީ ނުކުމެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ